ދިވެހިރާއްޖޭގެ ކުރީގެ ބޮޑުވަޒީރު ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ދަރިކަނބަލުން ހ. އެއްގަމުގޭ އަންނަބީލާ ޖަމީލާ އިބްރާހިމް ދީދީ ކޮވިޑް-19 ބަލީގައި އަވަހާރަވި ޚަބަރު ލިބުނީ ރޭގެ ވަގުތެއްގައެެވެ. ޖަމީލާ އަވަހާރަވީ ކޮވިޑް-19 އާލާސްކަމަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް، ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް 11ގައި ރޭ ވަގުތެއްގައެވެ.

އިއްތިފާގުން އެކަމަނާ އަވާހަރަވެވަޑައިގަތީ އުފަން ތާރީޚުގައެވެ. ޖަމީލާ އުފަންވެވަަޑައިގަތީ 1930 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު ކަމަށް ވުމުން އެކަމަނާ އަވަހާރަވީ 91 ވަނަ އުފަންދުވަހުއެވެ.

އަލްމަރްޙުމާ ޖަމީލަ އަކީ އެއްގޮތަށް ވުރެ ގިނަގޮތްގޮތުން ފާހަގަކޮށްލެވުނު އަބުއި ކަނބަލެކެވެ. އެކަމަނާ އަކީ ހަސަބާއި ނަސަބުގެ ގޮތުން ބަލެކަމުގައިވިޔަސް، ޝާހީ ބޭކަނބަލެކެވެ. ތާރީޚުގެ ސޮފުހާތައް ފަހަތަށް އުކައި ބަލާލާ އިރު އެކަމަނާ ފާހަގަކުރެވެނީ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ޒައާމަތުގައި އިސް ސަފުގައި ގުނާލެވުނު ނަމޫނާ ކަނބަލެއްގެ ގޮތުގައެވެ.

އެގޮތުން ބަލާއިރު އެކަމަނާގެ ބައްޕައަކީ ފުރަމާލެ އެއްގަމުގޭ އިބްރާހިމް އަލިދީދީ، އިބްރާހިމް ފާމުލަދޭރިކިލެގެފާނެވެ. 1954 އިން 1957 އަށް ބޮޑުވަޒީރެއްގެ މަޤާމް ފުރުއްވުމާއި، 1950 އިން 1952 އަށް ރަސްކަން ބަލަހައްޓަވާ މަޖިލީހުގެ ރައީސްކަން ވެސް އެކަމަނާގެ ބައްޕަ ވަނީ އަދާކުރައްވާފައެވެ. އަދި އެކަމަނާގެ މަންމައަކީ ސައްޔިދު ދަރިކޮޅަކުން 1800ގެ ތެރޭގައި ރާއްެެޖެވަޑައިގެންނެވި، ފުރަމާލޭ ކަޅުހުރާގޭ ސައްޔިދު ދަރިކޮޅުގެ ސައްޔިދު ޢަލީ ބޮޑުސީދީގެ، ދޮންސީދީގެ ދަރިކަނބަލުން، ސިއްތިގޮމާއެވެ. މީގެ އިތުރުން އެކަމަނާ އަކީ މަޖިލީހުގެ ކުރީގެ ރައީސް ފަޟީލަތުއްޝައިޚް އަހްމަދު ޝާތިރުގެ އަނބިކަނބަލުންވެސްމެއެވެ.

ދެން އޮތީ އައްނަބީލާ ޖަމީލާގެ ޚިދުމަތުގެ ފަލްސަފާއެވެ. އެކަމަނާ ފުރުއްވި މަޤާމުތައް ނަމްބަރުގެ ގޮތުން މަދު ނަމަވެސް ޒަމާނީ ތައުލީމާއި ތަހުޒީބުގައި އަންހެނުންނަށް އެކަަމަނާ ދެއްކެވި މިސާލަކީ ހިތްގައިމު މިސާލެކެވެ.

އެކަމަނާ ހިމެނިވަޑައިގަތީ އަންހެން ކުދިންނަށް އަމާޒުކޮށްގެން ރާއްޖޭގައި ވުޖޫދު ކުރި ފުރަތަމަ ސްކޫލް ކަމަށްވާ މަދަރަސަތުލް ސަނިއްޔާގެ ފުރަތަމަ ދަރިވަރުންގެ ތެރޭގައެވެ. އޭގެ ފަހުން ސުމުއްވުލް އަމީރު މުހައްމަދު އަމީންގެ ދައުރުގައި ސްރީލަންކާ އަށް ވަޑައިގެން މަތީ ތައުލީމު ހާސިލްކުރައްވާފައިވެއެވެ.

ހަމައެެހެންމެ ރާއްޖޭގެ ފުރަތަމަ ޖުމްހޫރީ ވެރިކަން އިއުލާންކުރުމަށްޓަކައި 1953 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެކަމަނާ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އެކަމަނާ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ ގައިޑެއްގެ ހައިސިއްޔަތުން ކަމަށް ވާއިރު އެކަމަނާ އަކީ ރާއްޖޭގެ ފުރަތަމަ ގައިޑުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަތް ކަނބަލެކެވެ.

ޝާހީ އާއިލާ އަކަށް ނިސްބަތްވެ ވަޑައިގަތް ނަމަވެސް އައްނަބީލާ ޖަމީލާ އަކީ ސާދާ މިޒާޖެއްގެ ކަނބަލެކެވެ. މީގެ އިތުރުން އެކަމަނާ އަކީ ފަންނުގެ ކަންކަމަށް ލޯބިކުރެއްވި ކަނބަލެކެވެ. އެގޮތުން ޕިިޔާނޯ ކުޅުން ފަދަ ކަންކަަމަށް އެކަމަނާ ޝައުގުވެރިކަން ބެހެއްޓެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އާދިލް

    ވަރަށް ހުލްޤުހެޔޮ ބޭކަނބަލެއް! ފެންނަ ކޮންމެ ފަހަރަކު އާއިލާގެ ހާލުއަހުވާލު އައްސަވާނެ!އެއްވެސް ވަރެއްގެ ބޮޑާކަމެއް ކިބުރުވެރިކަމެއްނެތް މާތް އިންސާނެކެވެ. މާތް ﷲ އެކަމަނާގެ ފުރާނައަށް ޖަންނަތުލް ފިރުދައުސް މިންވަރުކޮށްދެއްވާށިއެވެ. އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ. އާމީން.

    22
  2. ނަކީސާ

    މަރުޙޫމާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. އާމީން!

    17
    1
  3. އައްޑޫ ޝަކުވާ ބޯޓު

    ދީދީންނަކީ ހަގީގަތުގައި އައްޑޫ ރޯޔަލްސް

    5
    6