ޏ. ފުވައްމުލައް ސިޓީގައި އަންހެން ދޮން ދަރިފުޅަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އުމުރުން 52 އަހަރުގެ މީހެއްގެ މައްޗަށް އުފުލި ހަތަރު ދައުވާއެއް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި 32 އަހަރު ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

ފުވައްމުލައް މެޖިސްޓްރޭޓް ކޯޓަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު ހުށަހެޅި މައްސަލާގައި މިއަދު އެ މީހާގެ މައްޗަށް ކޮށްފައިވަނީ 32 އަހަރާއި 1 މަހާއި 27 ދުވަހުގެ ޖަލު ހުކުމެކެވެ.

މި މީހާއަށް އުފުލި އެއް ދައުވާއަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކުން އަމަލު ކުރުމުގެ ގާނޫނުގެ ދަށުން ކުޑަކުއްޖަކަށް އެ މީހެއްގެ ޖިންސީ ގުނަވަނެއް ދެއްކުމުގެ ކުށުގެ ދައުވާއެވެ.

ދެވަނަ ދައުވާއަކީ ހަމަ އެ ގާނޫނުގެ ދަށުން އުފުލޭ ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު ޖިންސީ އަމަލެއް ބަޔަކު ހިންގާ މަންޒަރު އެ ކުއްޖާއަށް ދެއްކުމުގެ ކުށުގެ ދައުވާއެވެ.

ތިންވަނަ ދައުވާއަކީ ހަމަ އެ ގާނޫނުގެ ދަށުން އުފުލޭ ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.

ހަތަރުވަނަ ދައުވާއަކީ ގާނޫނުލް އުގޫބާތުގައި ހިމެނޭ އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

މި ހަތަރު ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި 32 އަހަރާއި އެއް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވީ، ތަހުގީގު މަރުހަލާއާއި ޝަރީއަތުގެ މަރުހަލާގައި ބަންދުގައި ހުރި މުއްދަތު އުނިކުރުމަށް ފަހު ދައުވާތަކުގެ ހުކުމުގައިވާ ބާކީވާ މުއްދަތަށެވެ.