އާމްދަނީން ޓެކްސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ވަކި ވިޔަފާރި މަޝްރޫއުތަކުން ޓެކްސް ނުނުގަން ރައީސުލްޖުމްހޫރިއްޔާއަށް ބާރު ލިބޭ ގޮތަށް ހިމަނާފައިވަނީ ބޮޑެތި މަޝްރޫއުތައް އިތުރު ކުރުމުގެ ފުރުސަތު ހޯދަން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މި ބިލު ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ސުވާލު ކުރެއްވީ ކުރީގެ ސަރުކާރުތަކުގައި އެފަދަ އުސޫލުތައް އެކަށައަޅަން އުޅުމުން ފާޑުވިދާޅުވިއިރު ވިސްނުމަށް ބަދަލު އައީ ކިހިނެއްތޯއެވެ.

އެ ސުވާލުގެ ޖަވާނުގައި މިނިސްޓަރު އަމީރު ވިދާޅުވީ އެމްޑީޕީގެ ވިސްނުމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި ޓެކްސްގެ އިސްތިސްނާ މަޝްރޫއުތަކަށް ދޭނީ ހާމަކަން ބޮޑު ގޮތެއްގައި ހިންގޭނެ އުސޫލުތަކެއްގެ ތެރެއިން ކަމަށެވެ.

އެމްޑީޕީގެ ވިސްނުމަކީ ވެސް ބޮޑެތި މަޝްރޫއުތައް ރާއްޖޭގައި ހިންގާނެ ފުރުސަތުތައް އިތުރު ކުރެވޭނެ ގޮތަކަށް، ހާމަކަން ބޮޑު ދެފުށް ފެންނަ އުސޫލުތަކެއްގެ ތެރެއިން އެކަން ކުރެވޭ އިންތިޒާމެއްގައި މަޝްރޫއުތައް ހިންގުން ކަމަށް އަމީރު ވިދާޅވިއެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކަށް ބަދަލެއް ނާދޭ، ވިސްނުމަކީ ހަމަ، މިސާލަކަށް ރާއްޖެއަށް ބޭނުންވާ ބޮޑެތި އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްތައް، ރައްޔިތުންނަށް އެ ބޭނުންވާ ޕްރޮޖެކްޓްތަކަށް އެ ފުރުސަތު އޮތުން،" އަމީރު ވިދާޅުވިއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި، މި ގޮތަށް ޓެކްސް ނެގުމުން އިސްތިސްނާ ކުރާނެ މަޝްރޫއުތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަން ޖެހޭނީ ވަޒީރުންގެ މަޖިލީހުގެ ލަފާ ހޯއްދަވައިގެން ކަމަށް އެ ބިލުގައިވެއެވެ.

އިސްތިސްނާ ހޯދުމަށް އެދި ހުށަހެޅުމާއި ފުރިހަމަ ވާން ޖެހޭ ޝަރުތުތައް ހިމެނޭ އުސޫލެއް ފިނޭންސް މިނިސްޓްރީން ތައްޔާރުކުރަން ޖެހޭނެ ކަމަށް ބިލުގައިވެއެވެ. އެފަދަ އިސްތިސްނާއެއް ދެވޭ ފަރާތްތައް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އޮޑިޓު ކުރަންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން އެކުލަވާލާ ގަވާއިދާއި މީރާއިން އެކުލަވާލާ އޮޑިޓް ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރަން ވެސް އެ ބިލުގައި ބަޔާން ކޮށްފައިވެއެވެ.