އާއްމު ދަތުރުފަތުރުގެ ޚިދުމަތަކީ ޒިންމާ ބޮޑު ޚިދުމަތެއް ކަމަށާއި، އާއްމުންގެ އުއްމީދުތަކާއި އެއްވަރަށް އެ ޚިދުމަތް ދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޕީއެލްގެ އާއްމު ދަތުރުފަތުރުގެ ޚިދުމަތް އެމްޓީސީސީގެ ދަށަށް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ގަޑިން ގަޑި އަށް ޚިދުމަތް ދިނުމާއި އާއްމުން އިތުބާރު ކުރާ ޚިދުމަތެއް ދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ. އަދި އާއްމު ދަތުރުފަތުރުގެ ޚިދުމަތް ހަރުދަނާކޮށް ކުރިއެރުވުމަށް ވަސީލަތްތައް ތަރައްޤީކުރުމާއި މުވައްޒަފުން ތަމްރީނު ކުރުން ފަދަ ކަންކަން ކުރައްވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. .

"ރައީސުލްޖުމްހޫރިއްޔާ އަށް ދޭން ބޭނުންވާ ޔަގީންކަމަކީ މިއަދު ހަވާލުވި ޒިންމާ ރައީސް ބޭނުންވާ މިންވަރަށް ކުރިއަށް ގެންދާނެކަން. ދިވެހިރާއްޖޭގެ އުތުރުން ދެކުނަށް ކަނޑުގެ ދަތުރުފަތުރާއި އަދި ބިންމަތީގައިކުރެވޭ ދަތުރުފަތުރުގައި ރައްޔިތުން ބޭނުންވާ ފެންވަރުގެ ޚިދުމަތެއް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދެން." އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، އެމްޕީއެލް އާއި އެމްޓީސީސީ އާއި އެކު މަޝްވަރާކުރަމުންދާތާ ގިނަ ދުވަސްތަކެއްވެފައިވާކަމަށާއި އެ މަސައްކަތުގެ ސަބަބުން ދެ ކުންފުނީގެ ގުޅުން އިތުރަށް ވަރުގަދަވި ކަމަށެވެ.

އޭނާ ވަނީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފައެވެ. އެގޮތުން މުވައްޒަފުންނާއި، ވަސީލަތާއި ޚިދުމަތުގެ ގޮތުން ތަންތަން ކުރިއަރުވަން ޝާހިދު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތާއި އިރުޝާދައި އެއްގޮތަށް ކުރިއަށް ވަޑައިގަންނަވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޕީއެލްގެ މުވައްޒަފުން ގެންގުޅުއްވާނީ ކުރިންވެސް އޮތް އުސޫލުތަކާއި އެއްގޮތަށް ކަމުގެ ޔަގީންކަން އާޒިމް ވަނީ ދެއްވާފައެވެ. އާޒިމް ވަނީ ކުންފުނި ހިންގުމަށް ރަނގަޅު އައިޓީ ސިސްޓަމެއް މުހިންމުކަމަށް ހަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ.

އެމްޓީސީސީއަށް އެމްޕީއެލްގެ ޢާންމު ދަތުރުފަތުރުގެ ޚިދުމަތް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތު - ވަގުތު އިމޭޖެސް:އަހްމަދް އަލީ

"މުވައްޒަފުންނަކީ ހުރިހާވެސް މީހުންނަކީ، ރައްޔިތުންނަކީ ހުރިހާވެސް މީހުންނަކީ. އެ މީހުންނަށް ބޭނުންވާ ކަންތައްތަކަކީ ޑިމާންޑަކީ ކޮބާތޯ އެކަންތައް ކުރުމަށް އަޅުގަނޑުމެން ކުރަނީ ކޮންކަމެއްތޯ، އެއްވެސް ފީޑްބެކެއް ލިބިއްޖެއްޔާ އެކަން ރަނގަޅުކުރުމަކީ އަޅުގަޑުމެންގެ ޒިންމާއެއް." އާޒިމް ވިދާޅުވިއެވެ.

އެމްޕީއެލްގެ އާއްމު ދަތުރުފަތުރުގެ ޚިދުމަތް އެމްޓީސީސީގެ ދަށަށް ބަދަލުކުރުމުގެ އިތުރުން ސްޕީޑްފެރީގެ ނެޓްވޯކެއް ގާއިމް ކުރުމުގެ މަސައްކަތް އެ ކުންފުންޏާއި ވަނީ ހަވާލުކޮށްފައެވެ. އަދި ބޮޑެތި ރަށްތަކުގައި ބަސް ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކުރަން ވެސް އެ ކުންފުންޏާއި ވަނީ ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މި ޢާޒިމް މިޤައުމު ކައި ހުސްކޮށްފި.

  2. ބަކުރުބެ

    އެހެންވެގެން ދޯ! ބ.އަތޮޅުގެ އުތުރުފެރީ ހަފުތާއެއް ވީއިރުވެސް ދަތުރުނުކޮށް ބާއްވާފަ އެއޮތީ؟

  3. އެގިދާނެތާ

    ތިދެން ބަހުގެ ހިދުމަތުގެ ދުވަސް ދިޔައީ. ނުލާހިކު ރަންގަޅަށް ގޮސްގޮސް އޮތް ކަމެއް. ތިޔައޮތީ ނުވަތަށް ފުރޮޅާލާފަ. ދެން ވަނަނާނީ ޖީބަށް ދުވަސްކޮޅަކުން ނުހިންގިގެން ހުއްޓާލާނެ، ނޫނިއްޔާ ޓިކެޓްގެ އަގު ބޮޑުވާނެ.