ހއ.ދިއްދޫން މިއަދު ކޮވިޑް-19 އަށް 23 މީހުން ފައްސިވެއްޖެއެވެ.

ދިއްދޫ މޮނިޓަރިންގެ ހާލަތުގައި އޮންނަތާ ގިނަ ދުވަސްތަކަކަށް ފަހު އެރަށުގެ މޮނިޓަރިން އުވާލި ފަހުން އަނެއްކާ މީހަކު ކޮވިޑަށް ފައްސިވީ ޖޫން މަހުގެ 24 ވަނަ ދުވަހު އެވެ. އެދުވަހުން ފެށިގެން މިހާތަނަށް 78 މީހަކު ކޮވިޑަށް ފައްސިވެ، ކޮވިޑް ޖެހިގެން އެކަކު ވަނީ ނިޔާވެފައެވެ.

ދިއްދޫގައި ކޮވިޑަށް ބަޔަކު ފައްސިވުމުން އެރަށް އޮތީ މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ. އެހެންކަމުން ރަށުގައި ގެންދަނީ ކާފިއު ވެސް ހިންގަމުންނެވެ.

ދިއްދޫން އެންމެ ފަހުން ކޮވިޑަށް ފައްސިވި ބައެއް މީހުންނަކީ ގިނަ މީހުން ޒިޔާރަތް ކުރާ ތަންތަނުގައި މަސައްކަތް ކޮށްފައިވާ މީހުންނެވެ. ސެލޫނެއްގައި މަސައްކަތް ކުރާ ބިދޭސީ އަކީ ޤުރުއާން ކްލާހެއްގައި މަސައްކަތް ކުރާ މީހަކު ވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެހެންކަމުން އެމީހުންގެ ފަރާތުން ގިނަ ބަޔަކަށް ކޮވިޑް ފެތުރިގެން ގޮސްފައިވާ ކަމަށް ބެލެވެއެވެ.

މާލެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ފަހަކަށް އައިސް ވަރަށް ބޮޑަށް މަދުވަމުން އައި ނަމަވެސް އަތޮޅުތެރޭގެ ރަށްތަކުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު