މާލެ އާއި ހުޅުލެއާއި ދެމެދު އަޅާ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް (ސީއެމްއެފްބީ) ގެ ތަނބުތައް އަންނަ މަހުގެ ތެރޭގައި ގުޅުވައި ނިމޭނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވަމުން ކުރެއްވި ޓްވީޓެއްގައި މިނިސްޓަރ މުއިއްޒު ވިދާޅުވީ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މައި ދެ ތަނބު ގުޅުވުމުގެ މަސައްކަތް މިއަދު ކުރިއަށްދާ ކަމަށެވެ. އަދި އަނަން ޖުލައި މަހުގެ 9 ވަނަ ދުވަހަށް، ބްރިޖްގެ ހުރިހައި ތަނބެއް ގުޅުވައި ނިމޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ސީއެމްއެފްބީ"ގެ މައި އިތުރު ދެ ތަނބު ގުޅުވާލުން މިއަދު ކުރިއަށްދަނީ، ހުރިހައި ތަނބެއް ގުޅުވާ، މާލެ އާއި ހުޅުލެ އާއި ދެމެދު އެއްކޮށް ގުޅުވާ ނިމުން ޖުލައި. އިންޝާﷲ" މިނިސްޓަރ މުއިއްޒު ކުރެއްވި ޓްވީޓުގައި ވެއެވެ.

ބްރިޖްގެ މައި ތަނބުތައް ގުޅާލުމުގެ ފަހު މަރުހަލާގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ބްރިޖްގެ މަސައްކަތް ކުރިއަށްދަނީ ޝެޑިއުލް އާއި އެއްގޮތަށް ކަމަށް މިނިސްޓަރު މުއިއްޒު މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ބްރިޖްގެ މަސައްކަތް ނިންމަން ތާވަލް ކޮށްފައި ވަނީ މި އަހަރުގެ ފަހުކޮޅަށެވެ. ނަމަވެސް ސަރުކާރުން ވިދާޅުވެފައި ވަނީ އަމާޒަކީ މިއަހަރުގެ ޖުލައި 26 ވަނަ ދުވަހާއި ހަމައަށް ބްރިޖްގެ މަސައްކަތް ނިންމައި ހުޅުވުން ކަމަށެވެ. މި ބްރިޖްގެ މަސައްކަތް ހަލުވިކަމާއި އެކު ކުރިއަށްދާއިރު، މިއީ ގާތްގަނޑަކަށް 200 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އޭގެތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާގެ ހިލޭ އެހީއެވެ.

މާލެ އާއި ހުޅުލެއާއި ދެމެދު އަޅާ ބްރިޖްގައި 1.39 ކިލޯމީޓަރު ހުންނާނެއެވެ. ބްރިޖްގެ ފުޅާމިނުގައި 20.3 މީޓަރު ހުންނައިރު ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޚާއްސަ ދެ ލޭނާއި ސައިކަލާއި ބައިސްކަލް އަދި ހިނގާ މީހުންނަށް ވެސް ހާއްސަ ލޭނެއް ހަދާނެއެވެ.

މާލެ އާއި ހުޅުލެއާއި ދެމެދު ބްރިޖެއް އެޅުމަކީ، ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވަޢުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޓތ

    ތީ އަންނިގެ ވައުދެއް އޭނާ އޮތީ ކުރަހާފަ ކުލަޖައްސާފަ

  2. ރަނގަޅު

    އެއީ ދޮގެއް. އެދެމެދުގެކަނޑު ހިއްކާނުނިމޭނެ.