ރައްޔިތުންގެ މަޖިލިސް ގޮއްވާލަން ޖެހޭ ކަމަށް ބުނެ ފޭސްބުކް ލައިވް އަކަށް ކޮމެންޓް ކުރި މީހާ ބަންދުން ދޫކޮށްލައިފި އެވެ.

މަޖިލިސް އިދާރާ ގޮއްވާލަންޖެހޭ ކަމަށް ބުނެ ފޭސްބުކްގައި ކޮމެންޓްކުރި މައްސަލާގައި ހައްޔަރު ކުރީ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރު ކުރީ މެއި މަހުގެ 28 ވަނަ ދުވަހު އެވެ. އޭނާގެ ބަންދަށް ދެފަހަރެއްގެ މަތިން ކޯޓުން 15 ދުވަސް ދިނެވެ.

ފުލުހުން ވިދާޅުވީ މަޖިލިސް ގޮއްވާލާނެ ކަމުގެ އިންޒާރު ދިން މީހާ ބަންދުން ދޫކޮށްލީ ތަހުގީގު ނިމިފައިވާތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

މިފަދަ އިންޒާރުތަކާއި ނިރުބުވެރިކަމާއި ގުޅުން ހުރި ކަންކަން ފުލުހުން ވަރަށް ސީރިއަސްކޮށް ބަލާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަގުތުން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ކުރިން ވަނީ ވިދާޅުވެފައެވެ. ނިރުބަވެރި އަމަލެއް ހިންގާނެ ކަމަށް ބުނެ އިންޒާރު ދިނުމަކީ ގާނޫނު ބުނާ ގޮތުން ކުށެކެވެ.

ގާނޫނުގައި "އިންޒާރުދިނުން" ގެ މާނައިގައި މުއާޞަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ޒަރީޢާއެއް މެދުވެރިކޮށް، ލިޔުމުން ނުވަތަ އަނގަބަހުން ދެވޭ އިންޒާރު ހިމެނެއެވެ. އެފަދަ ކަމެއް ކޮށްފި މީހެއްގެ އަދަބަކީ ހަތަރު އަހަރާއި ހައަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވެސް ގާނޫނުގައި ބުނެފައި ވެއެވެ.

މަޖިލިސް ގޮއްވާލާނެ ކަމުގެ އިންޒާރު ދިނުމުން މަޖިލީހުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ސިފައިން ހަތިޔާރާއި އެކު މަޖިލިސް ކައިރީގައި ސަލާމަތީ ކަންކަން ބަލަހައްޓަމުން ދިޔައެވެ.