މާލެ އިން އިތުރު 26 މީހުންނާއިއެކު ރާއްޖެ އިން މިއަދު ޖުމްލަ 143 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 104 މީހުން ފައްސިވިއެވެ. އަދި ހިންގަމުންދާ ރިސޯޓްތަކުން އިތުރު އަށް މީހުންނާއި ތަރައްގީ ކުރަމުންދާ ރިސޯޓްތަކުން އިތުރު ހަތަރު މީހުން މިއަދު ފައްސިވިއެވެ.

މިއަދު 4355 މީހުން ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. މިއަދު ޓެސްޓް ކުރި މީހުންގެ ތެރެއިން %3.28 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިހާރު ކޮވިޑް ޖެހިފައި ތިބީ 3359 މީހުންނެވެ. އޭގެތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނީ 23 މީހުންނަށެވެ.

މާލެ އިން ދުވާލަކު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މެއި މަހު ހާހަކަށްވުރެ މައްޗަށް އެރި ނަމަވެސް ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން މާލޭގެ ހާލަތު ވަނީ މިހާރު ވަރަށް ބޮޑަށް ރަނގަޅު ވެފައެވެ. މާލެ އިން ދުވާލަކު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު 100 އަށްވުރެ ދަށުގައި ހުންނަތާ މިހާރު 15 ދުވަސް ވެއްޖެއެވެ.

މާލެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އައި ނަމަވެސް އަތޮޅުތެރެއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދެއް ނުވެއެވެ. ހާއްސަކޮށް އާބާދީ ބޮޑު ގދ.ތިނަދުއާއި ހއ.ދިއްދޫން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.