އިނގިރޭސި ގައުމީ ޓީމުގެ އުއްމީދީ ކުޅުންތެރިޔާ ބުކާޔޯ ސާކާ އަށް އަނިޔާވެ ޔޫރޯ 2020 ގެ ކުއާޓާ ފައިނަލުގައި ޔޫކްރެއިން އާ ބަައްދަލުކުރާ މެޗުގައި ކުޅޭނެ ކަމާއި މެދު ސުވާލު އުފެދިއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުން ސާކާ އަށް އަނިޔާވީ މެޗުގެ ކުރިން އެންމެފަހުން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިންނެވެ. އޭނާގެ ޓެސްޓުތަކެއް ހަދަމުން އަންނައިރު ރިޕޯޓުތައް ބުނާ ގޮތުން ސާކާގެ އަނިިޔާ އެހާ ސީރިއަސްއެއް ނޫނެވެ. ނަމަވެސް މެޗުގައި އޭނާ ކުޅޭނެކަމާ މެދު ގޮތް ނިންމާނީ ކޯޗެވެ.

އިނގިރޭސި ޓީމުގައި މިވަގުތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ސާކާ ވަނީ އެންމެފަހުން ޔޫރޯގައި އެ ގައުމު ކުޅުނު ފަހު ދެ މެޗުގައިވެސް މޮޅު ކުޅުމެއް ކުޅެފައެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޗެކް ރިޕަބްލިކް އަތުން ހޯދި މޮޅާއި، ޖަރުމަނު އަތުން އިނގިރޭސީން މޮޅުވި މެޗުގައި ވެސް ސާކާ ކުޅެފައިވެއެވެ.

އިޓަލީގެ ރޯމްގައި ކުޅެން ހަމަޖެހިފައިވާ މި މެޗުގެ ކުރިން އިތުރު ޓެސްޓުތަކެއް މިހާރު ހަދަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. ކޯޗު އޭނާ ބޭނުންކުރާނީ އެ އަނިޔާގެ ކަންކަން ގާތުން ބެލުމަށްފަހުއެވެ. ސާކާ އަށް ކުޑަކޮށް އަނިޔާވި ނަމަވެސް އެހެން ހުރިހާ ކުޅުންތެރިން މި މެޗަށް ފިޓުކަމަށް ކޯޗު ގެރެތް ސައުތްގޭޓް ބުނެފައިވެއެވެ.

ސާކާ ނެތް ނަމަވެސް ބަދަލު ކުޅުންތެރިންގެ ގޮތުގައި އެ މަގާމަށް ކުޅޭ ރަނގަޅު ކުޅުންތެރިންތަކެއް އެބަތިއްބެވެ. ޖެކް ގްރީލިޝް އަދި ފިލް ފޯޑެން އަކީވެސް ވަރުގަދަ ދެ ކުޅުންތެރިންނެވެ. ނަމަވެސް މީގެތެރެއިން ފޯޑެން އަށް މި މުބާރާތުގައި މާ އެދެވޭ ކުޅުމެއް ދެއްކޭގޮތެއް ނުވެއެވެ.

ޔޫކްރެއިން އާ ދެކޮޅަށް ކުޅޭ މެޗާ ކުރިމަތިލާއިރު ސައުތްގޭޓްގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޓީމުގެ ގުޅުމެވެ. އަދި ޓީމުގެ ކިބައިގައި މޮޅުވުމުގެ ވިސްނުން ހުރުމެވެ. މި މެޗު ކުޅޭނީ ރާއްޖެގަޑިން މިރޭ 00:00 ގައެވެ.