ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގެ މައްސަލައިގެ ތަހުގީގާއި ޝަރުއީ މަރުހަލާ ގާތުން ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކަނޑައެޅުއްވި ޚާއްސަ މަންދޫބު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި މިސްޓަރ އައްބާސް ފާއިޒް މާލެ ވަޑައިގަތީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް މަރުހަބާ ވިދާޅުވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކަނޑައަޅާފައިވާ އިމުގެ ތެރެއިން އައްބާސް ފާއިޒް، މި ހަމަލާގެ ތަހުގީގުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ކަމާ ގުޅޭ ލަފައާއި އިރުޝާދު ދެއްވަން ރިޕޯޓެއް ތައްޔާރު ކުރުމުގެ މަސައްކަތް ވެސް އޭނާ ކުރައްވާނެއެވެ.

މިސްޓަރ އައްބާސް ފާއިޒަކީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން އެމްނެސްޓީ އިންޓަރނޭޝަނަލްގެ ދެކުނު އޭޝިޔާ ބައްރުގެ އިޖްތިމާޢީ، ސަޤާފީ އަދި ސިޔާސީ މައްސަލަތައް ދިރާސާކުރެއްވި ކަމާ ގުޅޭ ޚާއްޞަ މާހިރެކެވެ. އޭނާ އަކީ އެމްޑީޕީގެ އިސްވެރިންނާއި ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލާގައި މިހާތަނަށް އަށް މީހަކު ހައްޔަރުކޮށް އޭގެ ތެރެއިން ފަސް މީހެއްގެ ވަނަވަރު ފުލުހުން ވަނީ ހާމަކޮށްފައެވެ. ވަނަވަރު ހާމަކުރި މީހުނަކީ މުޖާޒް އަހުމަދު، ތަހުމީން އަހުމަދު، އަދުހަމް އަހުމަދު ރަޝީދު، އަހުމަދު ފާތިހު އަދި އަލީ ހައިޝަމެވެ.

މި މައްސަލާގައި ދައުވާ ކުރަން ޕީޖީ އޮފީހަށް ވަރަށް އަވަހަށް ފޮނުވޭނެ ކަމަށް ރައީސް އިބްރާޙީމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު މި ވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ. ހަފުތާއެއްހާ ދުވަހު އޭޑީކޭއިން ފަރުވާ ހޯއްދެއްވުމަށް ފަހު، ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލަކުން ދޮޅު މަހެއްހާ ދުވަހު އެމަނިކުފާނު ފަރުވާ ހޯއްދެއްވިއެވެ. އާއިލާއިން ބުނާ ގޮތުން، އިނގިރޭސިވިލާތަށް ވަޑައިގަތީ ވެސް އިތުރު ފަރުވާއަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ަަަަަަަަަައަބުދު

    އަމިއްލަޔައް ކަނތައްތައް ނުކުރެވެންޏާ މިނިވަންކަމުގެ ބޭނުމެއް ކޮބާ؟ ހެވަސް ނުބަޔަސް މިތަނުން ނިމުނީމަ ނމުނީ . ބޭރުގައުމުގެބަޔަކު ގެނނާކައް ނުޖެހޭ.