މީސްމީޑިޔާގައި ފާޅުކުރާ ހިޔާލުތަކާއި ގުޅިގެން އިންޒާރުދީ ނަސޭހަތްދިނުމުންވެސް އެކަން އިސްލާހު ނުކުރި ކަމަށް ބުނެ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓެންޓް ޕްރޮފެސަރުކަމުގެ ވަޒީފާއިން ޑރ.މުހަންމަދު އިޔާޒް އަބުދުލްލަތީފު ވަކިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫޫން ކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

މިމަހުގެ 1 ވަނަ ދުވަހު އިޔާޒު ވަޒީފާއިން ވަކިކުރިކަން އޭނާ އަށް ވަނީ އަންގާފައެވެ. އޭނާ މަގާމުން ވަކިކުރީ މީސްމީޑިއާގައި ކުރާ ބައެއް ޕޯސްޓްތަކާ ގުޅިގެން ގައުމީ ޔުނިވާސިޓީން އޭނާއަށް އެކަން ނުކުރަން ތަކުރާރުކޮށް ނަސޭހަތް ދިނުމަށް ފަހުގައެވެ. އަދި ދާދި ފަހުން އަންހެނުން ހިތާނު ކުރަން ބާރު އަޅައި ދައްކާ ވާހަކައަށް ބައެއް މީހުންގެ ފާޑުކިއުން އަމާޒުވެ، އެ މައްސަލަ ގައުމީ ޔުނިވާސިޓީންނާއި އިސްލާމިކް މިނިސްޓްރީން ވެސް ބަލަން ފަށާފައި ވަނިކޮށެވެ.

އަދާލަތު ޕާޓީގެ އިލްމުވެވެރިންގެ ކޮމިޓީގެ ނައިބު މުގައްރިރުކަން ކުރައްވަމުން ގެންދަވާ އިޔާޒް ވަޒީފާއިން ވަކިކުރި ގޮތް ކުއްވެރިކޮށް ޖޭޕީގެ ޕާލިމެންޓް ގްރޫޕްގެ މެމްބަރު އަދި ގާނޫނީ ވަކީލް އަލީ ހުސައިން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވަނީ ކޮންމެ މީހަކަށްވެސް ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭނެ ކަމަށެވެ. އަދި އެއީ އެބާރު އިމުގެ ތެރޭގައި ބޭނުން ކުރާ ހިނދަކު އެއްވެސް މީހަކަށް ފިޔަވަޅުއަޅާ އަދަބު ދެވިގެން ނުވާނެ ކަމަށެވެ.

އަލީ ވަނީ ވަކިބައެއްގެ ނުރަނގަޅު ނުފޫޒުގެ ދަށުގައި މުއައްސަސާތައް އޮތުން ބަލައި ނުގަނެވޭނެ ކަމަށް ބުނެ، އެކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

"ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން 27 ވަނަ މާއްދާގެ އިމުގެ ތެރޭގައި ބޭނުންކޮށްގެން އެއްވެސް މީހަކަށް އަދަބުދީ ފިޔަވަޅު އަޅައިގެން ނުވާނެ. ވަކިބައެއްގެ ނުރަނގަޅު ނުފޫޒުގެ ދަށުގައި މުއައްސަސާތައް އޮތުން ބަލައެއް ނުގަނެވޭނެ." އަލީ ކުރެއްވި ޓްވީޓްގައިވެއެވެ.

މި ޓްވީޓް އިތުރަށް ތަފްސީލުކޮށްދިނުމަށްތަކައި "ވަގުތު" އާއި ވާހަކަ ދައްކަވަމުން އަލީ ވިދާޅުވީ މީސްމީޑިޔާގައި ހިޔާލުފާޅުކޮށްގެން އިޔާޒަށް ފިޔަވަޅު އެޅިގެން ނުވާނެ ކަމަށެވެ. އަދި އިޔާޒު ދީނާއި ފުށުއަރާ ގޮތަށް އެއްވެސް ވާހަކައެއް ދައްކާފައި ނުވާކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ހިތާނަކުރުމާއި ގުޅޭ ގޮތުން އޭނާ ދެއްކެވި ވާހަކަތަކަށް ތާއީދު ނުކުރާކަން ފާހަގަކުރެއްވިއެވެ.

"ކޮންމެ މީހަކަށްވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނެ. އިޔާޒްވެސް މީސްމީޑިޔާގައި ދެއްކި ވާހަކައަކާއި ގުޅިގެން އެހެން ވަޒީފާއިން ވަކި ކުރެވިގެން ނުވާނެ. އެކަމަކީ އަޅުގަނޑަށް ގަބޫލުކުރެވޭ ކަމެއް ނޫން. ދީނާއި ހިލާފު އެއްވެސް ވާހަކައެއް ނުދައްކާ، ފާޅުކުރީ އޭނާގެ ހިޔާލު. އަންހެނުން ހިތާނު ކުރުމާއި ގުޅިގެން ދެއްކި ވާހަކައަށް އަޅުގަނޑު ތާއީދެއް ނުކުރަން. އެކަމަކު ކަންބޮޑުވަނީ ހިޔާލުފާޅުކުރުމުގެ ހައްގު ހަނިކުރަމުން ދާތީ. އަދި އެ ހައްގަށް ހުރަސްއެޅިގެން ދާތީ" އަލީ ވިދާޅުވިއެވެ.

އަލީ ވަނީ "ދިޔަރެސް" ނޫހުގެ ކޯ ފައުންޑަރ އަދި ޗީފް އެޑިޓަރ އަޙްމަދު އަޒާންއަށާއި އެނޫހަށް ރާއްޖޭގެ ފޮރިން މިނިސްޓްރީންނާއި ވެރިކަން ކުރާ އެމްޑީޕީން ބިރުދައްކާ، އިންޒާރުދީ ގޮންޖެހުންތައް ކުރިމަތި ކުރަމުން ގެންދާ މައްސަލަވެސް ކުއްވެރިކޮށްފައެވެ. އަދި ހިޔާލުފާޅުކުރުމުގެ މިިނިވަންކަން ހަނި ނުކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.

"ދިޔަރެސް" އިން އިންޑިއާ އާއި ގުޅޭ ގޮތުން ލިޔަމުންދާ ލިޔުންތަކުގެ މައްސަލަ ހޫނުވީ އިންޑިއާގެ ޑެޕިއުޓީ އެމްބެސެޑަރާއި ގުޅޭ ގޮތުން ގެނެސްދިން ރިޕޯޓަށް ފަހުއެވެ. އެރިޕޯޓަށް ފަހު އިންޑިއާގެ ހައިކޮމިޝަނުން ވަނީ ރާއްޖޭގެ ނޫސްތަކާއި އަދި ދިވެހިން މީސް މީޑިއާގައި އިންޑިއާ އާއި ދެކޮޅަށް ދައްކަމުން ގެންދާ ވާހަކަތައް ހުއްޓުވައިދޭން ދިވެހި ސަރުކާރުގައި އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. އަހުމަދު

  ހިޔާލު ފާޅުކުރުމާ، މުޖުތަމައުގަ ފިތުނައުފެއްދުމާ އެއީ ދެކަމެއް. އެމްއެމްޕީރސީ ލިސްޓްގަ ނަން އޮތްމީހުން މިކަހަ ވާހަކަ ދެއްކީމަ ވަރަށް ހުތުރު.

  8
  7
 2. ކޮވިޑް

  ތި މެމްބަރ ހިމެނޭ ކޯލިސަން ސަރުކާރުން އެއޮތީ އެކަން ކޮށްފަ ދެން ކީކޭ ތި ކިޔަނީ؟ މޮޅުވާހަކަ ނުދައްކާ؟

  17
 3. ސސ

  2018 ގެ ރިޔާސީ އިންތިހާބުގައި އިއްތިހާދުގެ ބޮޑު ކޯލީޝަނުން ނިއްމެވި އެންމެ ބޮޑު ނިންމުމަކީ ގޯސްކަންކަން ނުކުރުން ގޯސްކޮށް ކަމެއް ވެސް ނުކުރުން ، އަދި އަދާލަތުން އެމްޑީޕީ އާއި އެކު ކޯލީޝަން ހެދީ އަދާލަތުން އެމްޑީޕީގެ ފިކުރުގެ ހުރިހާ ކަމެއް ޤަބޫލު ކޮއްގެނެއް ވެސް ނޫން ކަން ފާހަގަކުރަން!

  3
  1
 4. Anonymous

  ނަސީބެއް މިކަލޭގެ ނައިބަކަށް ނެހެދިކަން

 5. ސޮނިބޭ

  ވަކިކުރީމާ މިބުނަނީ ވަކިކުރެވިގެން ނުވާނެޔޯ؟ އަޅެފަހެ ތިޔައީ ގަމާރުންތަ؟

  5
  2
 6. ހަސަދު

  ބައްލަވާ ކުލާހެއްގެ ތެރޭގައި ހިތުހުރިހާ ޚިޔާލެއް ފަޅު ކުރެވިގެން ނުވާނެ. ތިޔަބެފުޅުންގެ ސިޔާސީ އެޖެންޑާގައި ލެކްޗަރަ އިން ޓީޗަރުން ނުހިމެނުއްވުމަށް އާދޭހާ އެކު ދަންނަވަން. މިހާރުވެސް ސިޔާސީ އެޖެންޑާ ތަކާ ހެދި ތައުލީމް ވެސް ފަހަތަށް ޖެހެމުން ދަނީ. ދަރިވަރުންގެ އަޚްލާގު ވެސް ދަށް ވަމުން ދަނީ.

  3
  1
 7. ދެބޯކެރި

  ބަލަ ހިޔާލު ފާޅުން ކަލޭ ތިމާނަކުރަނީ ކިހިނެއް؟ މީގެ ދުވަސްތަކެއް ކުރިން ހިއްލަޔު ކިޔާ މީހަކު އިތުރު މީހުންނާއެކު އާޓިފިސަލް ބީޗަށް އެއްވެ ހިޔާލުފާޅުކުރި ކަންވީ ކިހިނެއް؟ އެފަދަ އެހެން ހާދިސާއަކާ ގުޅުވައިގެން ތިގޮތަށް ބުނަން ކެރޭނެ؟

  1
  1