ކޮވިޑް-19 އާއި ގުޅިގެން އެޅި ފިޔަވަޅުތަކުގެ ދަށުން ބަންދުކޮށްފައިވާ އައްޑޫ ސިޓީ ހިތަދޫގެ މިސްކިތްތައް އަލުން ހުޅުވައި، އަދި އެރަށުގައި ކާފިއު ހިންގާ ގަޑިއަށް ބަދަލު ގެނެސްފިއެވެ.

އައްޑޫ ކޮވިޑް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވިދާޅުވީ ހިތަދޫގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން ދެން ކާފިއު ގަޑިއަކީ ރޭގަނޑު 21:00 އިން ފަތިހު 04:00 އަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ މޮނިޓަރިންގައި އޮންނަ ހުރިހާ ރަށެއްގައި ވެސް ކާފިއު ހިންގަން އެޗްޕީއޭ އިން އަންގާފައި އޮންނަ ގަޑިއެވެ.

ކާފިއު ވަގުތަށް ލުއި ދިނުމުގެ ކުރިން ހިތަދޫގައި ކާފިއު ހިންގަމުން އައީ ހަވީރު 16:00 އިން ފަތިހު 04:00 އަށެވެ.

ހިތަދޫގެ މިސްކިތްތަކުގައި ވަކިވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރުމަށް ވެސް ހުއްދަ ދީފައިވާ ކަމަށާއި އަދި ކާފިއު ގަޑިއަށް ގެނެސްފައިވާ ބަދަލާއެކު ފިހާރަތައް ވެސް ހުޅުވައިގެން ރޭގަނޑު 21:00 ހަމައަށް ހިދުމަތް ދެވޭނެ ކަމަށް ޝުއާއު ވިދާޅުވިއެވެ. ފިހާރަތަކުން ރޭގަނޑު 22:00 އާއި ޖެހުމާ ހަމައަށް ޑެލިވަރީގެ ހިދުމަތް ދޭނެއެވެ.

ނަމަވެސް ހޮޓާ، ރެސްޓޯރެންޓް އަދި ގާޑިޔާތަކަށް އަދިވެސް ރޭގަނޑު 22:00 ޖެހުމާ ހަމައަށް ދެވޭނީ ޓޭކްއަވޭ އަދި ޑެލިވަރީގެ ހިދުމަތް އެކަނި ކަމަށް ޝުއާއު ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ހިތަދޫ ފިޔަވައި އެހެން ރަށްތަކުގައި ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް މިހާރު ވަނީ ލުއިތައް ދީފައެވެ. ހިތަދޫގައި ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިނީ އެރަށުން ކޮވިޑަށް ފައްސި މީހަކު ނުފެންނަތާ ހަތަރު ދުވަސް ވެފައި ވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު