މާލޭގެ މޭޔަރު ކަމަށް ޑރ. މުހައްމަދު މުއިއްޒު އައި އެންމެ ބޮޑު އެއް ސަބަބަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސައްލަ ހައްލު ކުރުމަށެވެ. ކެމްޕެއިން ތެރޭގައި ރައްޔިތުންނަށް ވި އެ ވައުދުތައް ފުއްދާ، ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތައް ހިންގުމަށްޓަކައި ސިޓީ ކައުންސިލުން ވަނީ އެކަމަށް ހާއްސަ ކުންފުންޏެއް އުފައްދަން ނިންމައިފައެވެ.

އޮންލައިން މީޑިއާއަކަށް ދިން ބަސްދީ ގަތުމެއްގައި މުއިއްޒު ވިދާޅުވެފައި ވަނީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށެވެ. އަދި އެކަމަށް ހާއްސަ ކުންފުންޏެއް އަންނަ އޮކްޓޯބަރު މަހު އުފައްދަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެ ކުންފުނި އުފެއްދުމަށްޓަކައި ވަރަށް އަވަހަށް ފައިނޭޝިއަލް ކޮންސަލްޓަންޓެއް ސިޓީ ކައުންސިލަށް ނަގާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ކުންފުނި ހިންގަން ނިންމާފައި ވަނީ ބޭރުގެ ފަރާތްތަކާއި ގުޅިގެންނެވެ. އަދި ކައުންސިލް އޮތީ އެކަމުގައި އެއްވެސް ވަރަކަށް ބަޖެޓަށް ބަރޯސާވާ ވިސްނުމުގައި ނޫން ކަމަށް މޭޔަރު ވިދާޅުވެއެވެ.

ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން ކައުންސިލްތަކަށް އަމިއްލައަށް ފައިސާ ހޯދައިގެން އެކިއެކި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވެއެވެ. އަދި އެކަމަށް ކުންފުނި ހެދުމުގެ ބާރު ވެސް ގާނޫނުން ދީފައިވެއެވެ.

ގުޅީފަޅާއި ފުށިދިއްގަރު ފަޅަކީ މާލޭގެ ރައްޔިތުންނަށް ގޯތި އަދި ފްލެޓު ދޭން ހާއްސަ މަންޒިލަކަށް ހަދުމަކީ މޭޔަރުގެ އަމާޒެކެވެ.

ގުޅީފަޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ގެދޮރުވެރިކުރުމުގެ މަޝްރޫއު ހިންގަން ނިންމާފައި އޮތް ބިމެކެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައުމާއެކު ވަނީ ގުޅީފަޅުގެ ބޮޑު ބައެއްގައި ވިޔަފާރި ބަނދަރެއް ގާއިމް ކުރުމަށް ނިންމައިފައެވެ.