މާދަމާއިން ފެށިގެން މީރާގެ ޓެކްސްޕޭޔާ ސާވިސް ސެންޓަރާއި ހުޅުމާލެ ކަލެކްޝަން ސެންޓަރުން ހިދުމަތް ދޭން ފަށަން ތައްޔާރުވެއްޖެއެވެ.

މީރާ އިން މިއަދު ބުނީ، އެ ދެ ސެންޓަރުން މާދަމާ ހެނދުނު 9 އިން ފެށިގެން މެންދުރުފަހު 1 ޖެހުމާއި ހަމަޔަށް ނަންބަރު ދޫކުރަމުން ގެންދާނެ ކަމަށެވެ. އަދި ހިދުމަތް ހޯދަން މީރާގެ ސާވިސް ސެންޓަރުން ޓޯކެން ނަންބަރު ދޫކުރުމުގެ ބަދަލުގައި ޓޯކެން ނަންބަރު ދޫކުރަމުން ގެންދާނީ މީރާގެ މޯބައިލް އެޕްލިކޭޝަން އަދި 'ކިއު-ބީ' އެޕްލިކޭޝަން މެދުވެރިކޮށް ކަމަށް މީރާ ބުންޏެވެ.

އަދި އެޕްލިކޭޝަން މެދުވެރިކޮށް ޓޯކެން ނަންބަރު ނެގެން ނެތް ފަރާތްތަކަށް މީރާގެ 3020460 ނަންބަރު ފޯނަށް ގުޅައިގެން ހިދުމަަތް ހޯދުމަށް އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށްވެސް މީރާ އިން ބުންޏެވެ.

މީރާ އިން ބުނީ، އޮފީހަށް ގޮސްގެން ހިދުމަތް ހޯދުމުގެ ފުރުސަތު ހުޅުވާލި ކަމުގައި ވިޔަސް، ކޮވިޑާއި ގުޅިގެން ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ހިދުމަތް ހޯދަން އަންނަ އިރު ހުން ހުރިތޯ ބެލޭނެ ކަމަށާއި ހިދުމަތް ހޯދަން މީރާއަށް ވަދެވޭނީ މާސްކު އަޅައިގެން ކަމަށެވެ/ އަދި ވަނުމުގެ ކުރިން ހޭންޑް ސެނިޓައިޒަރ ބޭނުން ކުރަންޖެހޭނެ ކަމަށެވެ.

ޓެކްސްޕޭޔަރ ސެންޓަރަށް ހިދުމަތް ހޯދަން ވަންނަ ފަރާތްތަކުން 'ޓްރޭސްއެކީ' އެޕްލިކޭޝަން އިންސްޓޯލްކޮށް، ވަނުމުގެ ކުރިން ބްލޫޓޫތް އޮން ކުރުމަށް މީރާއިން ބުނެފައިވެއެވެ.

މީރާ އިން ވަނީ ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް އެއްފަހަރާ ސެންޓަރަށް ވަދޭވޭ މީހުންގެ އަދަދު ވަނީ ލިމިޓް ކޮށްފައެވެ. އަދި ގައިދުރުކަން ދިނުމަށް ހާއްސަ ސަމާލުކަމެއް ދިނުމާއި ޓެކްސް ދައްކާ ފަރާތްތަކުން ޓޯކަން ނަންބަރު އޮންލައިންކޮށް ބެލުމަށްފަހު، ނަންބަރު ކައިރިވުމުން މީރާއަށް އައުމަށް މީރާއިން އިލްތިމާސް ކޮށްފައިވެއެވެ.