ސްޕެއިންގެ އައިބީރިއާ އެއާލައިނުން ރާއްޖެއަށް ދަތުރުތައް މިއަދު ފަށައިފިއެވެ.

މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އެގައުމުގެ މެޑްރިޑުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. ދަތުރުތައް ފެށުމަށް މިއަދު އެގައުމުން އައި ފުރަތަމަ ފްލައިޓްގައި 218 ފަސިންޖަރުން ވަނީ ރާއްޖެއަށް އައިސްފައެވެ.

އެމްއޭސީއެލުން ބުނީ އައިބީރިއާ އިން އޮގަސްޓް މަހުގެ ނިޔަލަށް ހަފުތާ އަކު ތިން ދަތުރު ރާއްޖެއަށް ކުރާނެ ކަމަށާއި އެދަތުރު ތަކަކޯ ހޯމަ، ބުދަ އަދި ހުކުރު ދުވަހު ކުރުމަށް ހަމަޖެހިފައިވާ ދަތުރުތައް ކަމަށެވެ.

އައިބީރިއާ އެއާލައިނުން އެންމެ ފުރަތަމަ ނިންމާފައިވަނީ ރާއްޖެއަށް ހަފުތާއަކު ދެ ދަތުރު ކުރުމަށެވެ. ނަމަވެސް ސްޕެއިންގައި ރާއްޖެއަށް އޮތް މަގުބޫލުކަން ފެނުމުން އެއް ފްލައިޓު އިތުރުކުރީ ކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ.

މި ދަތުރުތަކަށް އެ އެއާލައިނުން ބޭނުން ކުރާނީ އެއާބަސް އޭ 220-330 އާއި އޭ 300-330 އެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓުވާޓް ވިދާޅުވީ، މި ދަތުރުތަކުގެ ސަބަބުން ޔޫރަޕާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށާއި މިއާ އެކު ރާއްޖޭގެ ފަތުރުވެރިކަން ވެސް ކުރިއަރާނެ ކަމަށެވެ.