އައްޑޫސިޓީ ހިތަދޫން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނީ، ފައްސިވެފައިވާ ތިން މީހުންގެ ތެރެއިން އެކަކީ ކުރިން ފައްސިވެފައިވާ މީހަކާއި ގާތުން އެއްތާވި މީހެއް ކަމަށާއި ބާކީ ދެ މީހުންނަކީ ކަރަންޓީނުގައި ތިއްބާ ފައްސިވެފައިވާ މީހުން ކަމަށެވެ.

އައްޑޫސިޓީ ހިތަދޫން ކޮވިޑްގެ ވޭދަނަތަކެއް ފެނިފައި މިވަނީ ފާއިތުވި 3 ވަރަކަށް ދުވަހު ބަލީގެ ވޭދަނަތަކެއް ނުފެނިކަން ފާހަގަ ކޮށްލެވެއެވެ.

މިއާއި އެކީ އައްޑޫން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 473 އަށް އަރާފައެވެ. އެހެން ނަމަވެސް މިވަގުތު ބަލި ޖެހިފައި ތިބީ 100 އަށްވުރެ މަދު ބައެއް ކަމަށް އެސިޓީގެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

ހޮސްޕިޓަލުން ބުނީ، ބަލި ޖެހުނު މީހުންގެ ތެރެއިން 400 އަށްވުރެ ގިނަ މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އައްޑޫން ކޮވިޑް ޖެހިގެން ދެ މީހަކު ވަނީ ނިޔާވެފައެވެ.

ހިތަދޫން ކޮވިޑްގެ ވޭދަނަތަކެއް ފެނިފައިވާއިރު، އައްޑޫ ކޮވިޑް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވިދާޅުވީ ހިތަދޫގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން ދެން ކާފިއު ގަޑިއަކީ ރޭގަނޑު 21:00 އިން ފަތިހު 04:00 އަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ މޮނިޓަރިންގައި އޮންނަ ހުރިހާ ރަށެއްގައި ވެސް ކާފިއު ހިންގަން އެޗްޕީއޭ އިން އަންގާފައި އޮންނަ ގަޑިއެވެ.

ކާފިއު ވަގުތަށް ލުއި ދިނުމުގެ ކުރިން ހިތަދޫގައި ކާފިއު ހިންގަމުން އައީ ހަވީރު 16:00 އިން ފަތިހު 04:00 އަށެވެ.