ގައުމީ ޔުނިވާސިޓީގެ ވަޒީފާއިން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވަކި ކުރި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އެ ޔުނިވާސިޓީގެ އެސިސްޓަންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނެވި އިޔާޒު ވަޒީފާއިން ވަކިކުރި ކަމުގެ އެންގުން ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އެއީ މީސްމިޑީއާގައި ކުރާ ބައެއް ޕޯސްޓްތަކާ ގުޅިގެން އޭނާއަށް އެ ކަން ނުކުރަން ތަކުރާރުކޮށް ނަސޭހަތް ދިނުމަށް ފަހުގައެވެ.

އިޔާޒް "ވަގުތު" އަށް ވިދާޅުވީ އޭނާ މަގާމުން ވަކިކުރީ ޒިންމާ އަދާ ނުކޮށްގެން ނޫން ކަމަށާއި ސިޔާސީ ގޮތުން ދެބަސްވެގެން ކަމަށެވެ. އެހެންކަމުން އެއީ ބޭއިންސާފުން ހިންގާފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އިޔާޒް ވިދާޅުވި ގޮތުގައި، އިންސާފު ހޯދުމަށް ޓަކައި ޓްރައިބިއުނަލްއަށް އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.

"އަޅުގަނޑު މަސައްކަތް މި ކުރަނީ ވަކީލަކާ ވާހަކަ ދައްކައިގެން މައްސަލަ [ޓްރައިބިއުނަލްއަށް] ހުށަހަޅަން، އިންޝާﷲ،" އިޔާޒް ވިދާޅުވިއެވެ.

ޚިޔާލު ފާޅުކޮށްގެން އިޔާޒް ވަޒީފާއިން ވަކިކުރަން ޔުނިވާސިޓީން ނިންމި ނިންމުން މުރާޖާ ކުރަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ގޮވާލައްވައިފައެވެ.

އިމްރާނަކީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސްއެވެ. އިޔާޒަކީ އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސްއެވެ.

ޔުނިވާސިޓީގެ ވަޒީފާއިން އިޔާޒް ވަކިކޮށްފައި މިވަނީ، އަންހެނުން ޚިތާނު ކުރުމަކީ ދީނުގައި ހުއްދަ ކަމެއް ކަމަށް ވިދާޅުވެ އޭނާ ކުރައްވަމުން ގެންދެވި ޓްވީޓްތަކަށް ބައެއް އާންމުންނާއި އެމްޑީޕީގެ އިސް ބޭފުޅުންގެ ނުރުހުން އޭނައަށް ވަރަށް ބޮޑަށް އަމާޒުވެފައިވަނިކޮށެވެ.

މިކަމާ ގުޅިގެން އިޔާޒް ވިދާޅުވީ އޭނާ މަސައްކަތް ކުރެއްވީ ހަގީގަތް ހާމަކޮށްދެއްވުމަށް ކަމަށެވެ. އަންހެނުން ހިތާނު ކުރުން ދީނުގައި ހުއްދަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު އެ ކަމަކީ އޭނާ ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށާއި، އޭގެ ސަބަބުން ބަޔަކަށް ނުރަނގަޅު ތަސައްވުރެއް ލިބިފައިވާނަމަ މައާފަށް އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮވިޑް

    އަޅެފަހެ އަދިވެސް މީނާ މި އުޅެނީ މަޤާމް ނުލިބިގެން ކީކޭ ބުނާނީ؟ ތީ ޑރ އެކޭ ކިޔަނީ އެނޫން ފަޒީފާ އެއް ނުލިބެނީތޯ؟ ވަޒީފާ އެއްފަރާތް ކޮށްލާފަ މި ޤައުމާ އިސްލާމް ދީން ސަލާމަތް ކުރަން ނިކުމެބަލަ؟ މި ޤައުމާ ދީން އޮވެގެން ދޯ ވަޒީފާ އެއް ލިބޭނީ؟

    4
    2
  2. ކަލޯ

    ދީނުގަ ހުއްދަ ކޮށްފަ ހުންނަ ކަންކަމަށް ތާއީދެއް ނުކުރަމޯ އަޖައިބެއްނުވާނެ މަ ތާއީދެއް ނުކުރަން ފިރިހެނުން ހިތާނުކުރާކަށްވެސް