ލޯކަލް ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުތަކުގެ ބައެއް ބާރުތައް އެ ކައުންސިލްތަކަށް ދެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތައް ތަންފީޒު ކުރަން އެހެން ގާނޫނުތަކަށް ބޭނުންވާ އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ފަސް ގާނޫނަކަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވެއެވެ. އެއީ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ފަޅު ރަށްރަށުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ރާއްޖޭގެ ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ކަނޑުގައި އުޅަނދުފަހަރު ދުއްވާ އުޅަނދުތައް ދުއްވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

ދަރަނި ނެގުން ފަދަ މާލީ ބާރުތައް ކައުންސިލަށް

ސަރުކާރުގެ ފަރާތުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ހުށަހަޅުއްވާފައިވާ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައިވަނީ، ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ސަރަހައްދުގައި ހިނގާ މަޝްރޫއުތަކަށް ދަރަނި ހޯދުމާއި އެއަށް ޒިންމާވުގެ ބައެއް ކަންކަމެވެ.

ކައުންސިލްތަކުން ދަރަންޏަށް ފައިސާ ނަގަން ވާނީ އެ ކައުންސިލްގައި ހިމެނޭ ރަށެއް ނޫނީ ސިޓީއެއް ތަރައްގީ ކުރުމަށް ފާސްކުރާ ޕްލޭންގައި ހިމެނޭ މަޝްރޫއެއް ހިންގުމަށް ޓަކައި އެ ކައުންސިލުން ފާސްކުރާ ގަރާރަކަށް މިނިސްޓަރުގެ ހުއްދަ ލިބިގެން ކަމަށް ބިލުގައިވެއެވެ.

މީގެ އިތުރުން ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ސަރަހައްދުތަކުގައިވާ މުދާ ވިއްކުމާ ގުޅޭ އުސޫލުތައް ވެސް އެ ބިލުގައި އޮތެވެ. ބިލުގައި އޮތް ގޮތުން ކައުންސިލުން މުދަލެއް ވިއްކާނީ ނުވަތަ ރަހުނު ކުރާނީ ނުވަތަ ކުއްޔަށް ދޫކުރަނީ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ކަމުގައެވެ. އަދި އެ ގަވާއިދުގެ ތެރެއިން ކޮންމެ ކައުންސިލަކުން އެ ކަމަކަށް ގަރާރެއް ފާސްކޮށްގެން ކަމަށް ބިލްގައިވެއެވެ.

މި ގާނޫނުގައި ކައުންސިލްތަކުން އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކަށް އެހީ ދޭނެ ގޮތް ވެސް ހިމަނާފައި އޮތެވެ. ބިލުގައި އޮތް ގޮތުން އެ ކަން ކުރަން ވެސް ހިމަނާފައި އޮތީ، ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދަކުން ކައުންސިލްތަކަށް އެ ބާރުތައް ދިނުމަށެވެ.

ފަޅު ރަށްތައް ދޫކުރުމުގެ ބާރު

ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ އެމްޑީޕީގެ މެންބަރު ފަޅު ރަށްރަށާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައިވަނީ ރިސޯޓް ތަރައްގީ ކުރުމާއި ޓޫރިޒަމްގެ މަސައްކަތްތަކަށް ރަށްތައް ދޫކުރާނީ އެ ސަރަހައްދެއްގެ އިހްތިސާސް ހިމެނޭ އަތޮޅު ނުވަތަ ސިޓީ ކައުންސިލަކުން ކަމަށެވެ.

ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައިވާ ރަށްތައް ކުއްޔަށް ދޫކުރާނީ ކައުންސިލްތަކުން ކަމަށާއި އެ ކަން ކުރާނީ ބިލު ގާނޫނަކަށް ވުމަށް ފަހު އެ ގާާނޫނުގެ ދަށުން ހަދާ ގަވައިދެެއްގެ ތެރެއިން ކަމަށް ބިލުގައިވެއެވެ.

ދަތުރުފަތުރުގެ ބާރުތައް

ކަނޑު އުޅަނދުތައް ދުއްވުމުގެ ގާނޫނާއި އެއްގަމު އުޅަނދުތައް ދުއްވުމުގެ ގާނޫނުގެ ދަށުން ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ދެމުން އަންނަ ބައެއް ޚިދުމަތްތައް ވެސް ކައުންސިލްތަކުން ދެވޭ ގޮތަށް ގެނައުމަށް މި ދެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައި އެބަ އޮތެވެ

އެކަމަކު ކައުންސިލްތަކަށް އެ ދެ ގާނޫނުން ވެސް ދޫކޮށްލާނެ ކަންތައްތައް ކަނޑައަޅަން ދެ ބިލުގައި ވެސް ބާރު ދީފައި އޮތީ ޓްރާންސްޕޯޓް މިނިސްޓްރީއަށެވެ.

ސަރުކާރުގެ ފަރާތުން ކަނޑު އުޅަނދުތައް ދުއްވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީއެވެ. އެއްގަމު އުޅަނދުތައް ދުއްވުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދެވެ.