މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދެމުން އައި ޓްރާންސްޕޯޓް ހިދުމަތްތަކާއި އަލްވަދާއު ކިޔައި މިހާރު އަމާޒު ހިފާފައި ވަނީ އެކުންފުނީގެ ދަށުން ހިންގަމުން އަންނަ ޕޯޓުތައް އިތުރު ހަރުފަތަކަށް ގެނެސް ހަރުދަނާ ކުރުން ކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

އެމްޕީއެލްގެ އާއްމު ދަތުރުފަތުރުގެ ޚިދުމަތް އެމްޓީސީސީގެ ދަށަށް ބަދަލު ކޮށްފައިވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އެ ހިދުމަތް އެމްޓީސީސީގެ ދަށަށް ދާދިފަހުން ބަދަލުކޮށްފައިވާއިރު، ސަރުކާރުން ވަނީ 2019 ވަނަ އަހަރު އެ ހިދުމަތް ބަދަލު ކުރާނެ ކަމަށް ބުނެފައެވެ.

ޝާހިދު ވިދާޅުވީ، ކުންފުނީގެ ތަސައްވުރުގައި މިހާރު ކުރަން ޖެހޭ މެންޑޭޓްގައި ހުރި މަސައްކަތް އިތުރަށް ހަރުދަނާކޮށް ފުޅާ ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރުން ކަމަށެވެ.

"އެގޮތުން މާލޭ ކޮމާޝަލް ހާބަރުން ދޭ ހިދުމަތް، ހުޅުމާލޭ ޓާމިނަލްގައި ދޭ ހިދުމަތް، ކުޅުދުއްފުށީ ޕޯޓުން ދޭ ހިދުމަތް، ހިތަދޫ އިންޓަނޭޝަނަލް ޕޯޓުން ދޭ ހިދުމަތް ފުޅާކޮށް އަދި އެ މަސައްކަތް މިއަށްވުރެ ރަނގަޅު ހަރުފަތަކަށް ގެންދިއުމަށް މަސައްކަތް ކުރަން އަޅުގަނޑުމެން މިހާރު ޕްލޭން ކުރަމުން މި ގެންދަނީ" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ގުޅީފަޅު ޕޯޓް ޕްރޮޖެކްޓަކީ އެ ކުންފުނިން މިހާރު ކުރަމުން އަންނަ ބުރަ އެއް މަސައްކަތެއް ކަމަށާއި އެ މަސައްކަތަށް އެބުރި ގަންނައިރު، ހުރިހާ އަމަޒެއް އެދިމާލަށް ވެސް ލާން ޖެހޭ ކަމަށެވެ.

އެގޮތުން ޓްރާންސިޝަން ވެގެންދާއިރު، އާ މާހައުލަކަށް ބަދަލުވާނެ ކަމަށާއި އެހެންކަމުން މިހާރު މަސައްކަތް ކުރާ ޓެކްނޮލޮޖީއަށްވުރެ ޒަމާނީ ޓެކްނޮލޮޖީއަށް ބަދަލުވާނެ ކަމަށާއި މަސައްކަތް ކުރާ ގޮތް ވެސް ބަދަލުވުގެންދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެހެންކަމުން އެކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.