ސީލައިފް ކުންފުނީގެ އެމްޑީ އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ރާއްޖެ ނައިސް ސްރީލަންކާގައި މަޑު ކުރީ އޭނާއަށް ނުރައްކަލެއް އޮވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށް އޭނާގެ ވަކީލް މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.

މުހުތާޒު އެފަދައިން ވިދާޅުވެފައިވަނީ އައްމަޓީ ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލާގެ ހައިކޯޓުގައި ބޭއްވި އަޑުއެހުންތަކުގައި ވަކާލުތު ކުރައްވަމުންނެވެ. .

އެ އަޑުއެހުންތަކުގައި ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ ފަރާތުން އެދިފައިވަނީ އައްމަޓީ ދޫކޮށްލި އަމުރު ބާތިލްކޮށްދިނުމަށެވެ. އެގޮތަށް ޕީޖީން އެދިފައިވަނީ އޭނާ ހެއްކަށް ނުފޫޒު ފޯރުވަފާނެތީ އާއި ޝަރީއަތަށް ފިލައި، ކޯޓަށް ހާޒިރުނުވެދާނެތީ ކަމަށް ޕީޖީން ބުނެފައިވެއެވެ.

އެކަމާއި ގުޅިގެން މުހުތާޒު ވިދާޅުވީ، އައްމަޓީގެ މައްސަލާގައި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލެއް ނެތް ކަމަށާއި އެއީ މައްސަލާގައި ހިމެނެނީ ގިނައިން ކިތާބީ ހެކިތައް ކަމަށްވާތީ ކަމަށެވެ. މައްސަލާގައި ގިނައީ ކިތާބީ ހެކިންތަކަށްވެފައި ހެކިން ހާޒިރު ކުރަނީ ވެސް ހިނގާފައިވާ މުއާމަލާތްތަކެއް ސާބިތުކޮށްދޭން ކަމުގައިވާތީ ކަމަށް މުހުތާޒު ވިދާޅުވިއެވެ.

މުހުތާޒު ވިދާޅުވީ، އައްމަޓީގެ މައްޗަށް ތަހުގީގު ފެށިއިރު ވެސް އޭނާ ހުރީ ލަންކާގައި ކަމަށާއު އެގައުމުން ރާއްޖެއަށް ނާދެވުނީ އޭނާއަށް ގެއްލުމެއް ލިބިދާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ. އެގޮތުން، އޭނާގެ އޮފީހަށް ބަޔަކު ގެއްލުންދީ، ވަކީލަށް ވެސް ހަމަލާދިން ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ގިނަ ބަޔަކަށް ފްލެޓް އަޅައިދޭނެ ކަމަށްބުނެ، 14 މިލިއަނަށްވުރެ ގިނަ ރުފިޔާ އަތުލައި ހިޔާނާތްތެރިވި މައްސަލައިގައި ރެޑްނޯޓިސް ނެރެގެން އައްމަޓީ ހައްޔަރު ކޮށްފައިވަނީ ލަންކާގައި އުޅެނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ހުސޭނުބޭ

  ކޮން ގެއްލުމެއްގެ ވާހަކައެއް! އެހެންވިއްޔާ މީސްމީހުން އަތުން ނެގި ލާރު ހަމަ އެމީހުންގެ އެކައުންޓަށް ޓްރާންސްފާކޮށްދީ. މިޒަމާނުގައި މީ ދާދި ފަސޭހަކަމެއް؟
  ހަޔާތްކުޑަކަމުން ނުރައްކަލޭ އެބަ ކިޔައެއްނު!

 2. ފައު

  ވަގުކަލޭގެ މިލިއަނުން ފޭރުނު އިރު ނޭނގޭ އެމީހުންނަށް ލިބޭ ގެއްލުމެއް؟ ބޭނުން ވަރަށް ފައިސާ ހޯދުނީމަ ލަންކާއަށް މިފިލަނީ ނުރައްކަލޭ ކިޔާފައި. މުހުތާޒު ލަދު ކޮބާ ތިކަހަލަ މީހުން ސަލާމަތްކޮށްދޭން މަސައްކަތް ކުރަން؟

 3. ޟޟމ

  ލަދު ހަޔާތުގެ ކަންފުޅެއްވެސްނެތް މީހާ