ހުސްވެފައިވާ އޮޑިޓަ ޖެނެރަލްގެ މަގާމަށް އެސިސްޓަންޓް އޮޑިޓަ ޖެނެރަލްގެ މަގާމުގައި މިހާރު ހުންނެވި ހުސައިން ނިޔާޒީ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފިއެވެ.

ނިޔާޒީ އެ މަގަމަށް އައްޔަން ކުރަން ކޮމެޓީން ފާސްކޮށްފައި، އެ ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

އޮޑިޓަ ޖެނެރަލްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ޒިޔަތު މަގާމުން އިސްތިއުފާ ދެއްވެމުންނެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ، އެމްއެމްޕިއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި އޭނާގެ ނަން އޮތުމުން ތަހުގީގަށް އެއްބާރުލުން ދޭން ކަމަށް ވިދާޅުވެއެވެ.

މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު ވަނީ އޮޑިޓަ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފައެވެ. އެ މުއްދަތު ވަނީ މި މަހުގެ ހަތްވަނަ ދުވަހަށް ހަމަވެފައެވެ.

ރައްޔިތުންގެ މަޖިލީހަށް ރައީސް ސޯލިހް ފޮނުއްވީ އެންމެ ނަމެކެވެ. އެއީ އެސިސްޓަންޓް އޮޑިޓަ ޖެނެރަލްގެ މަގާމުގައި މިހާރު ހުންނެވި ނިޔާޒީގެ ނަމެވެ.