ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައިވާ މަންދޫބު، އައްބާސް ފާއިޒް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާ ބައްދަލު ކުރައްވައިފި އެވެ.

ދެބޭފުޅުން ބައްދަލު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު އެވެ. އައްބާސް، އީވާ އާއި ބައްދަލު ކުރިކަމަށް ބުނުން ފިޔަވައި އިތުރު ތަފްސީލެއް މަޖިލީހުން ހާމައެއް ނުކުރެއެވެ.

ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގާއި އެންމެހާ ކޯޓު މަރުހަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސް ސޯލިހު ހާއްސަ މަންދޫބެއް ކަނޑައެޅުއްވީ މިދިޔަ މޭ މަހުގެ 19 ވަނަ ދުވަހު އެވެ. އޭނާ ރާއްޖެ ވަޑައިގެންނެވީ ހުކުރު ދުވަހުއެވެ.

އައްބާސް ފާއިޒަކީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން އެމްނެސްޓީ އިންޓަރނޭޝަނަލްގެ ދެކުނު އޭޝިޔާ ބައްރުގެ އިޖްތިމާޢީ، ސަޤާފީ އަދި ސިޔާސީ މައްސަލަތައް ދިރާސާކުރެއްވި ކަމާ ގުޅޭ ޚާއްޞަ މާހިރެކެވެ. އޭނާ އަކީ އެމްޑީޕީގެ އިސްވެރިންނާއި ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.

ނަޝީދަށް ހަމަލާ ދިން މައްސަލާގައި މިހާތަނަށް އަށް މީހަކު ހައްޔަރުކޮށް އޭގެ ތެރެއިން ފަސް މީހެއްގެ ވަނަވަރު ފުލުހުން ވަނީ ހާމަކޮށްފައެވެ. ވަނަވަރު ހާމަކުރި މީހުނަކީ މުޖާޒް އަހުމަދު، ތަހުމީން އަހުމަދު، އަދުހަމް އަހުމަދު ރަޝީދު، އަހުމަދު ފާތިހު އަދި އަލީ ހައިޝަމެވެ.

މި މައްސަލާގައި ދައުވާ ކުރަން ޕީޖީ އޮފީހަށް ވަރަށް އަވަހަށް ފޮނުވޭނެ ކަމަށް ރައީސް އިބްރާޙީމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.

ނަޝީދު މި ވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ. ހަފުތާއެއްހާ ދުވަހު އޭޑީކޭއިން ފަރުވާ ހޯއްދެއްވުމަށް ފަހު، ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލަކުން ދޮޅު މަހެއްހާ ދުވަހު އެމަނިކުފާނު ފަރުވާ ހޯއްދެއްވިއެވެ. އާއިލާއިން ބުނާ ގޮތުން، އިނގިރޭސިވިލާތަށް ވަޑައިގަތީ ވެސް އިތުރު ފަރުވާއަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ކުޅޭ ކުޅިގަނޑެއް ލާދީނީ ބައިގަނޑު