ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓްކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ހަތް ދުވަސް ދީފިއެވެ.

ކާކުކަން ނޭނގޭ ރޯޔަލް ހަސަން ތަކުރު ކިޔާ އެކައުންޓަކުން ކުރި ޓްވީޓެއްގައި ބުނީ، އިންޑިއާގެ ހައިކޮމިޝަން ގޮއްވާލަން ބާރުގަދަ ގޮވާޒާތުގެ، "އާރްޑީއެކްސް" ބޭނުންވާ ކަމަށެވެ.

މައްސަލައާ ގުޅިގެން ކޯޓު އަމުރުގެ ދަށުން ހައްޔަރުކުރީ އުމުރުން 42 އަހަރުގެ މުހައްމަދު އިނާދު ނަމަކަށް ކިޔާ މީހެކެވެ.

މި މީހާއަކީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ މެންބަރެެކެވެ. އެކަން ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ވަނީ އޭނާއަށް ފިޔަވަޅު އަޅައި ޕާޓީން ވަކިކުރަން ނިންމާފައިވާ ކަމަށެވެ.

އެމްޑިޕީން ބުނީ، ނިރުބަވެރިކަން ފަދަ ބޮޑެތި ކުށްތަކަކީ އެ ޕާޓީން އެއްވެސް މިންވަރަކަށް ބަލައިގަންނާނެ ޖަރީމާއެއް ނޫން ކަމަށެވެ. އަދި މިފަދަ ނުރައްކާތެރި ކަންކަން ކުރާނެ ކަމުގެ އިންޒާރުދީ، އަދި މީހުންނަށާއި، މުދަލާ ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލާ މިފަދަ ކުށްތަކަށް ތަރުހީބު ދިނުމަކީ ޖިނާއީ ކުށެއްކަމުން، މިފަދަ ކުށްތަކަށް އަރައިގަންނަން އިންޒާރުދީ، އަދި ހިތްވަރުދޭ ފަރާތްތަކާ މެދު އަވަސް އަދި ފުރިހަމަ ތަހްގީގެއް ހިންގާ، ކުށްވެރީންނަށް ހައްގު އަދަބު ލިބެން ޖެހޭ ކަމަށް އެ ޕާޓީން ބުންޏެވެ.

އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެފައިމިވަނީ، އެ ތަނުގެ އިސްވެރިންގެ ކަރާމަތަށް ރާއްޖޭގެ ބައެއް މީޑިއާތަކުންނާއި މީސް މީޑިއާ ޕޯސްޓްތަކުން "ހަމަލާ ދޭ" ކަމަށް ބުނެ، އެކަން ހުއްޓުވަން ފިޔަވަޅު އަޅައިދޭން އިންޑިއާ ހައިކޮމިޝަނުން ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި އެދިފައިވާ ދަނޑިވަޅެއްގައެވެ.

އެ އިންޒާރާއި ގުޅިގެން މިހާރު އެތަނުގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނުދައްކާ ވާހަކަ

    މީހުން ކިޔާތީ އިވޭ އެމްޑީޕީ ތެރޭގައި އުޅެޔޯ ފައިސާއަށް ފިތުނަވެރި ޓުވީޓުތައް ލިޔެދޭ މީހުންވެސް. ހައްޔަރު ކޮށްގެން މިއުޅެނީ އަނެއްކާ އޭގެ މީހެއް ނޫންބާ؟ އޭނާ ކުރި ޓުވީޓަށް ކިހާވަރެއް އެމްޑީޕީން ފަންޑުކުރިބާ؟

  2. ޒަބީބު

    ދުފުންގަނޑު މީރުކޮށްލަންވެގެން ލީ ހުނިގަނޑުން އަމިއްލަ ދޫ ކަނޑައިގެންގޮސް ޖެހި ރަތްކުޅުގަނޑުވެސް މިޖެހުނީ އަމިއްލަ ގަޔަށް އުތަ؟ ދެން އެންމެ ރަނގަޅުވާނީ ތިޔަ ސޮރު ރުޅިއައިސްގެން އެތެރެކޮއެލުގައި ރޭވި ރޭވުންގަޑު ވެސް ކިޔާދިނީމަ. އެއިރުން ދިވެހި ރައްޔިތުން ޖައްސަން ދެމި ގުއިރޯނު ދެމީ ކޮންބައެއް ކަން ފަޅާއަރާ ފަޅީހަތް ވާނީ.