ހއ. ދިއްދޫގައި 12 ގަޑިއިރަށް ކާފިއު ހިންގަން ނިންމައިފިއެވެ.

ދިއްދޫ މޮނިޓަރިންގެ ހާލަތުގައި އޮންނަތާ ގިނަ ދުވަސްތަކަކަށް ފަހު އެ ރަށުގެ މޮނިޓަރިން އުވާލި ފަހުން އަނެއްކާ މީހަކު ކޮވިޑަށް ފައްސިވީ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން މިހާތަނަށް 102 މީހަކު ކޮވިޑަށް ފައްސިވެ، ކޮވިޑް ޖެހިގެން އެކަކު ވަނީ ނިޔާވެފައެވެ. ދިއްދޫން އެންމެ ފަހުން ކޮވިޑަށް ފައްސިވި ބައެއް މީހުންނަކީ ގިނަ މީހުން ޒިޔާރަތް ކުރާ ތަންތަނުގައި މަސައްކަތް ކޮށްފައިވާ މީހުންނެވެ.

އެގޮތުން ސެލޫނެއްގައި މަސައްކަތް ކުރާ ބިދޭސީ މީހަކާއި ގުރުއާން ކްލާހެއްގައި މަސައްކަތް ކުރާ މީހަކު ވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެހެންކަމުން އެމީހުންގެ ފަރާތުން ގިނަ ބަޔަކަށް ކޮވިޑް ފެތުރިގެން ގޮސްފައިވާ ކަމަށް ބެލެވެއެވެ.

ދިއްދޫ ކައުންސިލް ރައީސް އަބްދުﷲ ރަޝީދު ސޮއިކޮށް ނެރުނު އިއުލާނެއްގައި ވަނީ، އެރަށުގައި ގިނަބަޔަކު ކޮވިޑަށް ފައްސިވުމުން، މިއަދުން ފެށިގެން މިމަހުގެ 18 ވަނަ ދުވަހާއި ހަމައަށް އެރަށުގައި 12 ގަޑިއިރު ވަންދެން ކާފިއު ހިންގައި، ރަށް ފުރަބަންދު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ހެނދުނު 7:00 އިން ފެށިގެން 4:00 ޖަހަންދެން ފިހާރަތައް ހުޅުވައިގެން ހިދުމަތް ދެވޭނެ ކަމަށް އިއުލާންގައިވެއެވެ.

ނަމަވެސް އޭގެފަހުގެ ވަގުތުތަކުގައި ހިދުމަތްދެވޭނީ ޑެލިވަރީ ކޮށްގެންނެވެ. އެ އިިއުލާނުގައިވާ ގޮތުން ހޯޓާ ރެސްޓޯރެންޓްތަކަށް ވެސް ދެވެނީ ހަމައެކަނި ޑެލިވަރީގެ ހިދުމަތެވެ. މި ދަނޑިވަޅުގައި އެރަށު ސެލޫންތަކާއި، ޖިމްތަކުގެ އިތުރުން ބޯކޮށާ ތަންތަން ބަންދުކުރުމަށް އަންގާފައިވެއެވެ. އަދި ޑެލިވަރީގެ ހިދުމަތް ދޭ ފަރާތްތަަކުން ޕޮލިސް ޕޯޓަލްގެ ތެރެއިިން ދީފައިވާ ފާސް ބޭނުންކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

އަދި މިއީ ރަށުގައި ބަލިފެތުރިފައި އޮތް މިންވަރު ކުޑަކޮށް، އަޅަން ނިންމާފައިވާ މުހިންމު ފިޔަވަޅެއް ކަމަށް ކައުންސިލުން ބުނެފައިވެއެވެ. ދިއްދޫއިން މިއަދުވެސް ވަނީ އިތުރު ހަތަރު މީހަކު ކޮވިޑަށް ފައްސިވެފައެވެ. މިވަގުތު ބައްޔަށް ފައްސި 101 މީހަކު އެރަށުގައި އެބަތިއްބެވެ.