ސަރުކާރުން ހުށަހަޅާފައިވާ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރި ޖުޑިޝަރީ ކޮމިޓީން ގެނައި ބަދަލުތައް ހުރީ އިސްލާމިކް މިނިސްޓްރީން ހުށަހެޅި ލަފައާ އެއް ގޮތަށް ނޫން ކަމަށްމިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލުގައި އިސްލާމް ދީނަކާ ޚިލާފަށް މީހަކު އުޅޭ ކަމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން އޮތުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރިއެވެ.

އާންމުންނާއި ދީނީ އިލްމުވެރިންގެ ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައިވާ އެ ބިލު ފުރިހަމަ ކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން މައިގަނޑު ތިން ކަމެއްގެ ރިއާޔަތްކޮށް އެ ބިލު ދިރާސާކުރި ކޮމިޓީއަށް ފޮނުވިއެވެ.

އެއީ ދީނުގެ ނަމުގައި މީހުންގެ އަބުރާއި މުދަލާއި ފުރާނަޔަށް ގެއްލުންލިބުމަށް މަގުފަހިވާފަދަ ކުށްތައް މަނާ ކުރުމާއި، ދީނުގެ ދައުވަތު ފެތުރުމާއި ހެޔޮކަންކަމަށް ގޮވާލުމާއި ނުބައި ކަންކަން ނަހީކުރުމުގެ މަތިވެރި ވާޖިބަށް ހުރަސްއެޅިދާ ފަދަ މާއްދާތައް އިސްލާހު ކުރުން އަދި އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އެ ބިލުގައި ހިމެނުމުގެ މައްޗަށެވެ.

މިނިސްޓްރީގެ ލަފާގައިވާ ގޮތުން ދީނަށް ފުރައްސާރަކޮށް ދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އިތުރުވަމުންދާ ދުވަސްވަރެއްގައި ނަފުރަތުގެ ކުށް ބަޔާންކޮށް ގާނޫނެއް ވުޖޫދު ކުރެވޭ ހިނދު ދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އެ ގާނޫނުގައި ހިމެނުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.

އަދި އިސްލާމްދީނާއި މުސްލިމުންނާ ދެކޮޅަށް ނުވަތަ އިންސާނިއްޔަތާ ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގާހިނދު އެކަމާ ދެކޮޅަށް މުސްލިމުންނާއި ޣައިރު މުސްލިމުން ވެސް ހިމެނޭ ގޮތަށް ހިންގާ ސުލްހަވެރި ހަރަކާތްތަކަކީ ބައިނަލްއަގުވާމީ ގޮތުން ވެސް ބަލައިގަނެވޭ ކަންކަން ކަމެވެ.

އެފަދަކަންކަން ޖިނާއީ ކުށެއްގެ ގޮތުގައި މާނަ ކުރެވިދާނެތީ އެފަދަ ބައެއް ލަފުޒުތަކަށް ވެސް ރިޔާއަތް ކޮށްފައިވާނެ ކަމަށް މިނިސްޓްރީގެ ލަފާގައިވެއެވެ.

މިނިސްޓަރު ޒާހިރު "ވަގުތު" އަށް މިއަދު ވިދާޅުވީ، މިނިސްޓްރީގެ ލަފާއާ އެއްގޮތަށް ކޮމިޓީން ބިލުގައި ހުރި ބައެއް މާއްދާތަކަށް ބަދަލުގެނެސް އިބާރާތްތައްވެސް ބަދަލުކޮށްފައިވާ ކަމަށެވެ. އެކަމަކު މިނިސްޓްރީން ހުށަހެޅި ވަރަށް ގިނަ ކަންކަމަށް ކޮމިޓީން އެއްވެސް ވަރަކަށް ރިއާޔަތްކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބިލު މިހާރު އޮތީ ކުރިއަށް ވުރެ ބޮޑަށް ބަދަލުގެނެސްފައި ކަމަށާއި، އިތުރަށް ރަނގަ ޅުކުރަން ޖެހޭ ކަންތައްތައް ރަނގަޅު ކުރާނެ ގޮތްތައް ހޯއްދަވާނެ ކަމަށް ޑރ. ޒާހިރު ވިދާޅުވިއެވެ.

"މިހާރު ބިލު އޮތީ ވަރަށް ބޮޑަށް ބަދަލުކޮށްފައި. އިތުރު އިބާރާތްތަ ވެސް ހުރީ ބަދަލުކޮށްފައި" މިނިސްޓަރު ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މިނިސްޓްރީން އިސްލާހުތައް ފޮނުވީ މަޖިލީހުގެ ބަދަލުގައި ރައީސް އޮފީހަށެވެ.

އެ ބިލަށް ފާޑުކިއުން އަމާޒުވެފައިވަނިކޮށް އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ކުށް ތަފްސީލްކޮށް ބަޔާން ކުރާ ބިލެއް ވެސް މަޖިލީހަށް ހުށަހެޅިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު ވެސް ހުށަހެޅުއްވީ ހިސާނެވެ. އެ ބިލުގެ އިބްތިދާއީ ބަހުސް ވެސް އަދި ނުފަށައެވެ.