އިންޑިއާގެ ސަފީރު ނައިބު ރޯހިތު ޑެޕިއުޓީ އެމްބެސެޑަރު ރޯހިތު ރާތިޝްއާ ގުޅޭ ގޮތުން "ދިޔަރެސް" ނޫހުގައި ޝާއިއުކޮށްފައިވާ ޚަބަރުގެ މައްސަލަ ބަލަން މީޑިއާ ކައުންސިލްގައި އެދުނީ އާންމުކޮށް ވެސް އޮންނަ އުސޫލުގެ ތެރެއިން ކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ޑެޕިއުޓީ އެމްބެސަޑަރު ރޯހިތަށް ގިނަ ތުހުމަތުތަކެއް "ދިޔަރެސް" ނޫހުގައި ޝާއިއުކޮށްފައިވާ ޚަބަރެއްގެ މައްސަލަ ބަލައިދޭން އިންޑިއާ ހައި ކޮމިޝަނުން މަޖިލީހުގެ ކޮމިޓީއަށް ފޮނުވި ކަމަށްވެއެވެ. އަދި އެފަދަ މީޑިއާތައް ހުއްޓުވަން ސަރުކާރުގައި އެދިފައިވެއެވެ.

ސަރުކާރުން ވެސް ވަނީ ޚާރިޖީ ގުޅުންތަކަށް އަސަރު ކުރާނެ އެއްވެސް ޚަބަރެއް ނުގެނެސް ދޭން މީޑިއާތަކަށް އަންގައިފައެވެ.

މީޑިއާ ކައުންސިލްގެ މެންބަރުންނާއެކު މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވިލިމާލެ ދާއިރާގެ އަމިއްލަ މެންބަރު އަހްމަދު އުޝާމް ވަނީ ބޭރު ގައުމެއްގެ ކޮމިޝަނެއްގެ އިސް ބޭފުޅަކު ހަމަ ހުށަހެޅުމުން މައްސަލަ ބެލުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

މެންބަރު އުޝާމް މިހެން ވިދާޅުވުމާއެކު މުގައްރިރު ރޮޒައިނާ ވިދާޅުވީ އެ މައްސަލަ ހުށަހެޅީ އިންޑިއާ ހައި ކޮމިޝަނުން ނޫން ކަމަށާއި އެ މައްސަލަ ހުށަހެޅީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން) ކަމަށެވެ.

މިހެން ވިދާޅުވުމުން މެންބަރު އުޝާމް ވަނީ މީޑިއާ ކައުންސިލަށް މަޖިލީހުން ފޮނުވި ސިޓީގައި އެއީ އިންޑިއާ ސަފީރުގެ ނައިބު އެ ކޮމިޓީއަށް ނުރަސްމީކޮށް ހުށަހެޅި ޝަކުވާއެއް ކަމުގައި ބަޔާން ކޮށްފައިވާ ކަން ފާހަގަކުރައްވައިފައެވެ.

ޑިޕްލޮމެޓިކް މިޝަންތަކުގައި ތިއްބަވާ ބޭފުޅުންނަކީ ވަކި ޚާއްސަ އިމްތިޔާޒްތަކެއް ލިބިވަޑައިގަންނަވާ ބޭފުޅުން. އެ ބޭފުޅުން އަމަލު ކުރަންވީ ގޮތްތައް ވެސް ބައިނަލް އަގްވާމީ ގާނޫނުތަކުގައި ކަނޑައަޅާފައިވޭ. އެފަދަ ޝަކުވާތަކުން މަޖިލީހުގެ ކޮމިޓިން އެންޓަޓެއިން ކުރުމަކީ ވަރަށް ބޮޑު މައްސަލައެއް." އުޝާމް ވިދާޅުވިއެވެ.

އައްޑޫ މީދޫ ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ރޮޒައިނާ ދެން ވިދާޅުވީ އެ މައްސަލައަކީ ވެސް އާންމު ގޮތެއްގައި ކޮމިޓީން އަމަލު ކުރަމުންދާ އުސޫލުން ބަލައިދިނުމަށް މީޑިއާ ކައުންސިލްގައި އެދުނު މައްސަލައެއް ކަމަށެވެ.

"މީގެ ކުރިން ވެސް މައްސަލަތައް ހުށަހަޅާފައިވަނީ، ތެދު ނޫން މައުލޫމާތު ލިޔެފައި އޮވެގެން، މެންބަރަކު ނޫނީ ކޮމިޓީއަކުން ހުށަހަޅައިގެން، ދެން އަޅުގަނޑުމެން މީޑިއާ ކައުންސިލްގައި އެދެނީ،" ރޮޒައިނާ ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެންމެ ގާތް ގުޅުމެއް ބާއްވަނީ އިންޑިއާއާއެވެ. ގިނަ މަޝްރޫއުތައް ހިންގަނީ އިންޑިއާގެ ލޯނުގައެވެ. ކޮވިޑް-19 ގެ ސަބަބުން އިގްތިސާދީ ތަދުމަޑުކަމެއް މެދުވެރިވުމުން ވެސް ސަރުކާރުން ލޯނު ނެގީ އިންޑިއާއިންނެވެ.

އިންޑިއާއާ ގުޅޭ ގޮތުން ތަފާތު ތުހުމަތުތައް އިދިކޮޅު ފަރާތްތަކުން ދަނީ އަމާޒު ކުރަމުންނެވެ. މި ގޮތުން އިންޑިއާގެ ލޯނުގައި ހިންގާ މަޝްރޫއުތަކުގެ ފަހަތުގައި ވަނީ އިންޑިއާގެ ޖާސޫސީ އިދާރާތަކާއި އަސްކަރީ މަރުކަޒުތައް ރާއްޖޭގައި ގާއިމް ކުރުން ކަމަށެވެ. އެކަމަކު އެއީ ދެ ގައުމުގެ ސަރުކާރުން ވެސް ދޮގު ކުރާ ކަމެކެވެ.

އިންޑިއާއާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ފަތުރާ ދަނޑިވަޅުތަކުގައި، މީޑިއާތަކަށް އަރައި އިންޑިއާގެ ދިފާއުގައި ބައެއް މަޖިލިސް މެންބަރުން ވާހަކަ ދައްކަވައެވެ. މި ގޮތުން ރޮޒައިނާއަކީ ވެސް މި ގޮތަށް މީޑިއާތަކަށް އަރައިގެން އިންޑިއާގެ ދިފާއުގައި ވާހަކަ ދައްކަވާ އެއް މެންބަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަރިކަށި ފިކުރު

    ތިޔައީ މަޖިލީހުގެ އިހުތިޞާސް އޮތްކަމެއްނޫން. ޑިޕްލޮމޭޓުންނާ ގުޅުންހުރި ކަންކަން ކުރާނީ ފޮރިންމިނިސްޓްރީން. އެމްއެމްސީ އަށް އެކަން ހުށަހަޅައިގެން ބެއްލުމަކީ ފޮރިން އެފެއާޒުގެ ކަމެއް، ދުވަހުން ދުވަހަށް ދައުލަތް ހިންހުމުގެ ކަންކަމަށް މަޖިލީހުން ދަނޑިބޭނުން ހުއްޓާލާފަ ތިޔަކޮމިޓީންވެސް މުއައްސަސާތަށް ޒިންމާދާރު ކުރުވުމުގެ މަސައްކަތް ޤާނޫނުގެތެރެއިން ކުރުވަބަލަ. ބަރުލަމާމީ ނިޒާމު އޮންނަ އިންޑިޔާގަވެސް މަޖިލިސް ސަރުކަރު ހިންގުމަކަށް ދަނޑިއެއް ނުބާނާ. ސިޔާސަތުތަކާއި އުސޫލުތައް ދަމަހައްޓަނީ. ހޭނުކެނޑެބަލަ.

  2. ލޫޓުވާ

    އިންޑިޔާއިން އެހާވަރަށް ދެމަފިރިންނަށް ފިލިޖަހާވިއްޔަ. މިވަރަށް ރައްޔިތުން ދަތިހާުގަ އަދި ވިޔަފާރިތައް ހުއްޓިފަތިއްބާ 94މިލިޔަން ރުފިޔާއިން ރިސޯޓް ގަނެވޭނެ ގޮތެއްނޭނގޭ. ދެން އިންޑީޔާ ދެކޮޅަށް ވާހަކައެއް ދައްކާއިރަށް ތެޅިގަނެވޭނެތާ