ރ. އަތޮޅު އަލިފުށީގައި އަންހެނަކު ރޭޕް މައްސަލާގައި އެރަށު ފިރިހެނެއްގެ މައްޗަށް ދައުވާކޮށްފިއެވެ.

އެ މައްސަލާގައި ދައުވާކޮށްފައި ވަނީ އެރަށު ރޯޝަނީއާގެ ނާއިލް އަބްދުﷲގެ މައްޗަށެވެ.

ޕްސޮކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ، އޭނާގެ މައްޗަށް ރޭޕް ކުރުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނީ މިދިޔަ މާރިޗް މަހުގެ 1 ވަނަ ދުވަހު ތުހުމަތު ކުރެވުނު މައްސަލައަކާއި ގުޅިގެންނެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ އެރަށު ގެއަކަށް ވަދެ ކޮޓަރިއެއްގައި ނިދާފައި އޮތް އަންހެނަކަށް ގަދަކަމުން ޖިންސީ ގުޅުން ހިންގުމެވެ.

ފަހަކަށް އައިސް ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. މިހާރު ކަމާއި ގުޅުން ހުރި އިދާރާތަކުން ދަނީ މިފަދަ މައްސަލަތައް އަވަހަށް ނިންމުމަށް ބާރުއަޅައި މަސައްކަތް ކުރަމުންނެވެ.