ސްރީ ލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުގައި ކުޑަ އަންހެން ކުއްޖަކު ލައްވާ އެތައް ދުވަހެއް ވަންދެން ހަށި ވިއްކުވި މައްސަލައެއްގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ ދިރާގުގެ ކުރީގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ނެޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ ކުރިން ހިންގެވި އަޝްމަލީ ހައްޔަރު ކުރީ ވެބްސައިޓްތަކަކާއި މީސް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ތިން މަސް ވަންދެން އުމުރުން 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވި މައްސަލައިގައެވެ. އަޝްމަލީގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި އަންހެން ކުއްޖާއާ އެކު ޖިންސީ އަމަލު ހިންގުމާއި މި ނެޓްވޯކް ފުޅާކުރުމަށް އެހީތެރިވި ކަމުގެ ތުހުމަތު ހިމެނެއެވެ.

އެ މައްސަލާގައި އަޝްމަލީ ހައްޔަރުކޮށްފައި ވަނީ އިއްޔެ އެވެ.

އޭނާ ހައްޔަރުކޮށް ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އޭނާ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށް ލަންކާ ނޫސްތަކުން ބުނެފައި ވެއެވެ.

މި މައްސަލާގައި މިހާތަނަށް 32 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި އެ 15 އަހަރުގެ ކުއްޖާގެ މަންމަ ހިމެނެއެވެ.

18 އަހަރުގެ ދަށުގެ ކުއްޖަކާއި ހިންގާ އެފަދަ ކޮންމެ ގުޅުމަކީ ލަންކާގެ ގާނޫނުގައި ރޭޕްގެ ކުށެކެެވެ. އަދި އެފަދަ ކަމެއް ސާބިތުވެއްޖެނަމަ ގިނަވެގެން 20 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާފަބޭ2020

    ކަމަކާޖެހުނީމަ ތިޔަހާލަދުގަންނައިރު އެލަދުވެތިކަމަށްބޭނުނީ ހަމަހޭގަނެތީތޯ؟

  2. މާކު

    ވިޔާ ނުދާކަންކުރަންނާ ކޮންމެވެސް ދުވަހަކު އެކަމުގެ ހައްގުއަދަބްލިބޭނެ. ދެރައީ ރާއްޖޭގެރީތިނަން ކިލަބްވާތި މިކަހަލަމީސްމީހުންނާނހެދި