ގދ. ތިނަދޫގައި ކޮވިޑަށް ފައްސިވެފައިވާ ބައެއް ފަރާތްތަކުން މަގުމަތީގައި އުޅޭ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.

ތިނަދޫގައި މިފަދަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، އެރަށް މިވަގުތު އޮތީ ކޮވިޑް-19ގެ ވޭދަނަތައް އިންތިހާއަށް އިތުރުވުމާއި ގުޅިގެން ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ތެރޭގައި ދިގު މުއްދަތަކަށް އިއުލާނު ކޮށްފައިވާ ކާފިއު ވެސް ހިމެނެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަށުގައި މަގުމަތީގައި އެފަދަ ގޮތަކަށް ގިނައިން ހަރަކާތްތެރިވަމުން އަންނަނީ ކުށުގެ ރިކޯޑް އޮންނަ ފަރާތްތަކުންނެވެ. އަދި އެފަދަ ފަރާތްތަކުގެ ތެރެއިން ގިނަ ބަޔަކު މާސްކު ނާޅާ ކަމަށް ވެސް ވަނީ އެނގިފައެވެ.

މިކަމާއި ގުޅިގެން އެފަދަ ފަރާތްތަކާއި މެދު ކައުންސިލުން ފިޔަވަޅު އަޅާފައި ނުވާތީ ރަށުގެ ރައްޔިތުން އަންނަނީ އެކަމާއި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މިފަދަ ޝަކުވާތަކެއް ކައުންސިލާއި ހަމައަށް އައިސްފައިވޭތޯ ބެލުމަށް ތިނަދޫ ކައުންސިލްގެ ރައީސް، ސައުދު އަލީ އާއި ސުވާލު ކުރެއްވުމުން ވިދާޅުވީ، އެކަހަލަ މައްސަލަތަކެއް ކައުންސިލާއި ހަމައަށް އައިސްފައިވާ ކަމަށާއި އެހެން ނަމަވެސް ޝަކުވާ އަންނަނީ މަދުން ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސައުދު ވިދާޅުވިއެވެ.

"މަދުން އެ ޝަކުވާ އެބަ އާދޭ. އޭގެ ތެރޭގައި ގިނައީ ކުށުގެ ރިކޯޑް އަންނަ ފަރާތްތައް. އެކަން އެގޮތަށް ދާތީ އެކަމަށް އޮތް ހައްލަކީ ކޮބާތޯ ބަލަމުން މިދަނީ ފުލުހުންނާއި ގުޅިގެން" ސައުދު ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އުސޫލުތަކާއި ހިލާފަށް ތިނަދޫގެ ބައެއް ރައްޔިތުން އުޅެމުން އަންނާތީ މިދިޔަ ހަފްތާގެ ތެރޭގައި ބައެއް ފަރާތްތަކުން ވަނީ ޖޫރިމަނާ ވެސް ކޮށްފައެވެ.

ތިނަދުއަކީ މިހާރު ކޮވިޑް ހާލަތު އެންމެ ބޮޑަށް ގޯސްވެފައިވާ އެއް ރަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ބަ ސްނައަހާ މީހުންދޯ.

  2. ލޫޓުވާ

    ޝަކުވާ ކިހާވަރަކަށް ކުރީމާ ފިޔަވަޅުއެޅެނީ. ތީއޭ މައްސަލައެކީ. ކޮވިޑްގެ ބަލިމީހުން އެކަކު އުޅެ އެކަކުު ޝަކުވާ ކުރިޔަސް ކައުންސިލުން ހަރުކަށިކަމާއެކު ފިޔަވަޅު އަޅަންޖެހޭ އެހެންމީހުންގެ ހައްގުގަ. ސައުދު ކަންކަމުގައި އެކްޝަން ނަގަނީ ވަރަށް އާދައިގެ ގޮތަކަށް. ޑޮކްޓަރުން ދައްކާވާހަކަވެސް ނަގަނީ އާދައިގެ ގޮތުގަ. ދެންކިހިނެއް ކަންކަން އިސްލާހުވާނީ

  3. ތުއްތު

    ހިނގާއިރު އަޅާ ފިޔަވަޅު ތަންކޮޅެއް ބާރަށް އަޅަންވީ. އެއީ އެބުނާ ހަރުހަށި ފިޔަވަޅަކީ