ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި 06 ވަނަ ދުވަހު ދިން ހަމަލާގައި ސަރުކާރުގައި ބައިވެރިވުމެއް އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މިހާރު ރައްޔިތުން މަޖިލީހުން އިންތިޒާމް ކޮށްގެން ކުރިއަށްދާ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ނަޝީދު ވިދާޅުވީ ހަމަލާގައި ކުޑަކޮށް ވެސް ސަރުކާރުގެ ބައިވެރިވުމެއް އޮންނާނެ ކަމަށް އެމަނިކުފާނު ގަބޫލު ނުކުރައްވާ ކަމަށެވެ. "އަޅުގަނޑަކީ ވެސް ސަރުކާރު. ވެރިކަމުގައި އެހުންނެވީ އެމްޑީޕީގެ ރައީސް. ރައްޔިތުން މަޖިލީހުގައި އޮތީ އެމްޑީޕީގެ އަޣުލަބިއްޔަތު. އަޅުގަނޑު ގަބޫލެއް ނުކުރަން މިހަމަލާ ދިނުމުގައި ސަރުކާރުގެ ކުޑަ ނަމަވެސް ބައިވެރިވުމެއް އޮތްކަމަކަށް." ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް މިހަމަލާގެ އަސްލާއި ހަމައަށް ނުދެވިއްޖެނަމަ އެއީ ސަރުކާރުގެ ފެއިލް ވުމަކަށް ވެގެން ދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ޝައިހް އިމްރާން ހޯމް މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް އިންސާފު ލިބިދާނެ ކަމަށް ގަބޫލު ކުރައްވަންތޯ ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ "އިންސާފު ހޯދުމަކީ ވެސް ވަރަށް ފާޑެއްގެ ކަމެއް" ކަމަށެވެ. މައްސަލަ ތަހްގީގު ކުރުމުގެ މަސައްކަތް ރަސްމީ އިދާރާތަކުން ކުރައްވަމުން ގެންދަވާއިރު އެކަމަށް ސިޔާސީ ފަަރާތްތަކުގެ ނުފޫޒު ނުފޯރުވޭ ގޮތައް ކަންކަން އިންތިޒާމް ކުރެވިފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އިމްރާން ހުންނަވައިގެން އިންސާފު ލިބިދާނެތޯ ކުރެއްވި ސުވާލަށް ނަޝީދު ސީދާ ޖަވާބެއް ނުދެއްވައެވެ.

ޑިފެންސް މިނިސްޓަރަކަށް މާރިޔާ އަދި ކޮމިޝަނަރ އޮފް ޕޮލިސް އަކަށް މުހައްމަދު ހަމީދު ހުންނަވައިގެން މައްސަލަ ތަހްގީގު ކުރެއްވިދާނެތޯ އާއި އެދެބޭފުޅުންނަށް އިތުބާރު ކުރައްވަންތޯ ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ "ޑިފެންސް މިނިސްޓަރާއި ގުޅޭ ގޮތުން އަޅުގަނޑު ވަކިއެއްޗެއް ނުދަންނަވާނަން." ކަމަށެވެ. ކޮމިޝަނަރ މުހައްމަދު ހަމީދަށް އިތުބާރު އޮތްކަން ސާފުވާނީ މަޖިލީހުން ކުރިއަށް ގެންދާ އިންކްއަރީ ނިމުމުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

މައްސަލައިގެ ތަހްގީގު ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސް ސޯލިހްގެ ފަރާތުން މަންދޫބަކު އައްޔަން ކުރައްވާފައި ވާތީ އެކަމަށް ވެސް ނަޝީދު އަލިއަޅުއްވާލެއްވެވިއެވެ. ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ކުރިން ހީފުޅު ކުރެއްވިފައި އޮތީ އެމަނިކުފާނު ވެސް ތަމްސީލް ކުރައްްވާ މަންދޫބަކު އައްޔަން ކުރައްވާނެ ކަމަށެވެ. ނަމަވެސް އައްބާސް އެނބިވަޑައިގަންނަވާ ކަމަށާއި އޭނާ މަޖިލީހާއި ވެސް މައުލޫމާތު ހިއްސާ ކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ސާރާ

  ރަގަޅޭ! ޙަމަލައެއްވިއްޔާ ތިއީ ސީދާ މަނިކުފާނުގެ މޭސްތިރިކަމުގެދަށުން ދިން ހަމަލާއެކެވެ. ޢެހެންނޫނަސް ތިޔައީ ރާވައިގެން ކުޅެލި ޑްރާމާއެއްގެ ފުރަތަމަ އެޕިސޮޑެވެ.

 2. Anonymous

  "އަޅުގަނޑަކީ ވެސް ސަރުކާރު. ވެރިކަމުގައި އެހުންނެވީ އެމްޑީޕީގެ ރައީސް." މިއީ ކީކޭތަ މިކިޔަނީ؟

 3. ތަންޑާ

  ކީއްވެ ގަބޫލު ނުކުރަނީ؟

 4. ކަމަނަގެ އިއްސެ

  ބަލަގަ ސަރުކާރުގެ މިނިސްޓަރުން ރާވާގެން ހިންގި ކަމެކޭ ކުރިން އޮތީ ބުނެވިފަ. މާރިޔާ. ފައްޔާޒު އަދި ޝާހިދުގެ ނަން އޮތީ ބުނެފަ. މިހާރު ދެން ކީކޭތަ ތި ކިޔަނީ. ސަރުކާރެއްނޫން. ސަރުކާރު މީހުން ދޯ.