ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދު ލިބޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އިދިކޮޅު ފަރާތްތަކުން އެކަމަށް ރައްދު ދީފިއެވެ.

ޕީޕީއެމް އާއި ޕީއެންސީ ހިންގުމާއި ހަވާލުވެ ވަޑައިގެން ހުންނެވި އެކްޓިން އިދިކޮޅު ލީޑަރު އަބްދުލްރަހީމް އަބްދުﷲ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔާމީން ތާއީދު ކުރައްވާނީ ރައްޔިތުންގެ ނިންމެވުމަށް ކަމަށެވެ. "ރައްޔިތުން ވަނީ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމް ކަމަށް ނިންމަވާފައި. ޔާމީން ތާއިދު ކުރައްވާ ނިޒާމެއް ނަޝީދަށް އެނގިވަޑައެއް ނުގަންނަވާނެ." އަބްދުލްރަހީމް ވިދާޅުވިއެވެ.

ޔާމީނަށް ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރެވެން ވާނެ ކަމަށް ނަޝީދު ރޭ ވިދާޅުވެފައި ވާތީ އެކަމަށް އިޝާރާތް ކުރައްވާ އަބްދުލްރަހީމް ވިދާޅުވީ ޔާމީނަށް އިންތިހާބުގައި ވާދަކުރެވެން ޖެހޭނެ ކަމަށެވެ. "އެއީ ގައުމު ބޭނުންވާ ގޮތް." އަބްދުލްރަހީމް ވިދާޅުވިއެވެ.

ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވެން ވާނެ ކަމަށް ވިދާޅުވުމަށް ފަހު ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ޔާމީންގެ ތާއީދު ލިބޭނެ ކަމަށެވެ. "އަޅުގަނޑަކަށް ނުފެނޭ ރިޔާސީ އިންތިޚާބެއް، ރައީސް ޔާމީން ވެސް ތާއީދު ކުރާނީ ބަރުލަމާނީ ގެންނަން ކަމަށް ގަބޫލު ކުރަން، ރައީސް ޔާމީނާ ގުޅިގެން، އެމްޑީޕީއާއި ޕީޕީއެމްގެ ތާއީދާއެކު އެ ކަން ކުރަންވީ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ކުރިން ވެސް ބަރުލަމާނީ ނިޒާމަކަށް ތާއިދު ކުރައްވާ ކަމަށް ޔާމީން ވިދާޅުވެފައިވާ ކަމަށާއި، އޭގެ ފަހުން ބަރުލަމާނީ ނިޒާމަކަށް ތާއިދު ނުކުރައްވާ ކަމަށް ޔާމީން ވިދާޅުވެފައި ނެތް ކަމަށެވެ.

2007 ވަނަ އަހަރު ވެރިކަމުގެ ނިޒާމް ކަނޑައަޅަން ވޯޓް ނެގިއިރު ޔާމީން ވަނީ ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެންނަން ތާއިދު ކުރައްވާފައެވެ. ނަމަވެސް އެވޯޓްގައި ރައްޔިތުން ނިންމީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށެވެ. އޭގެ ފަހުން އެތައް ފަހަރަކު ޔާމީން ވެސް ވަނީ ރިޔާސީ ނިޒާމަށް ތާއިދު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނުލިބޭ ތިއެއް

    ރައިސްކަމަށްވާދަކުރަންބޭނުން.އެކަމު ބޭނުންވަނީ މަސްވެރިއަކަށްވާން..މީ މޮޔަގޮލައެއްތޯ

  2. ރެފްރީ

    ނަޝީދު އެކަހެރިވެ ބާކީވެ ސިޔާހީހަޔާތް ދަބަހައްލާންކައިރިވެއްޖެހެން
    ހީވާންފަށައިފި ؟ ބޭރުގަހުރެގެން ސިޔާސީތަންމަތިބޮނޑިބަނދެ ކިހިއްޔަންޖަހައިގެންދާންޖެހޭދުވަސް ވަރައްކައިރިވެއްޖެހެންހީވަނީ ؟؟

    11
  3. ޢާލިމް

    ދެ ނިޒާމުގެ ވަރައް ތަފްސީލީ އާޓިކަލްއެއް ގެނެސްދެއްވަފާނަން ތޯ؟

  4. ާަެެައބދ

    ރިޔާސީ ނިޒާމް ރަނގަޅު އެކަމަކު ޔާމީނު ނަސީދު ސާލިހު ގާސިމު މައުމޫނު އެމްޑީޕީ ޕީޕީ އެމް ނެތި މުޅިން އާމޫނުތކެއް!!!!!

  5. ބޮކި

    ޕިންކީ ކުލަސްޓާ ތާއީދުކުރާނީ ވައްކަމުގެ ނިޒާމް.

  6. ރާގޮޑިރާޖަ

    ޜައްޔިތުން ބޭނުންވެގެންތޯ އެމްއެންޕީއާ ރސީ ގެ ފައިސާ ގޯނިގޯންޏަށް އަޅައިގެން ބެހީ. ޜައްޔިތުންނޯ،،،،،،

    1
    1
  7. ލޮލް

    ރައްޔިތުންނޭ ތިކިޔަނީ ދެފަ ރާތުގަ އިން ދެ ޖީބަށް ދޯ