ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ގެއްލުން ދޭނެ ކަމެއް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ނުކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހު އެމަނިކުފާނުގެ ސަޕޯޓަރުންގެ އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވީ ޑިފެންސް މިނިސްޓަރު މާރިޔާއަށެވެ.

ނަޝީދަށް ނުރައްކާ އޮތްކަން މާރިޔާއަށް މާ ކުރިން އޮތީ އެނގިފައެވެ. ހުޅުދޫ ދާއިރާގެ މެންބަރު އިޔްލާސް ލަބީބްއަށް އެ މައުލޫމާތު ލިިބިވަޑައިގެން މާރިޔާއަށް ފޯރުކޮށްދެއްވިއެވެ. އޭގެ ފަހުން ސެކުއިރިޓީ ވަރުގަދަ ކުރަން ބައެއް މަސައްކަތް ކުރެއްވި ކަން ވެސް މާރިޔާ ފާހަގަކުރައްވައެވެ.

މަޖިލީހުގެ ރައީސަށް އާންމުންނަށް ސުވާލު ކުރެވޭ ގޮތަށް ކުރިއަށް ގެންދާ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ރޭ އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ މިނިސްޓަރު މާރިޔާ އެއްވެސް އިރެއްގައި އެމަނިކުފާނަށް ގެއްލުމެއް ދެއްވަން އުޅުއްވާނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ނުދެކެން ޑިފެންސް މިނިސްޓަރު އަޅުގަނޑަށް ގެއްލުމެއް ދޭން އުޅެފާނެ ކަމަކަށް. އެހެން މިނިސްޓަރަކު ނޫނީ ރައީސުލްޖުމްހޫރިއްޔާއެއް ވެސް ނޫޅުއްވާނެ. އަޅުގަނޑު ނުދެކެން ހިތަށް ގެންނަވައިގެން މަސައްކަތް ކުރައްވާނެ ކަމެއް ކަމަށް." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އޭނާއަށް ދިން ހަމަލާއަށް ފަހު އާއިލާގެ އެންމެނަށް ވެސް ވަރަށް އަސަރު ކޮށްފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ދެ ދަރިން ކަމުގައިވާ މީރާއާއި ޒާޔާއަށް ވެސް ވަރަށް އަސަރު ކުރި ކަމަށާއި އެ އަސަރުގައި އެކި ގޮތަށް ވާހަކަ ދެކެވިފައި ވެސް އޮވެދާނެ ކަމަށެވެ.

މިހެން ވިދާޅުވިއިރު ނަޝީދުގެ ދޮށީ ދަރިފުޅު މީރާ ވަނީ މިނިސްޓަރު މާރިޔާ އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްއަށް ތުހުމަތުކޮށް އެކި ވާހަކަ ދައްކަވައިފައެވެ. އަދި އެ ހަމަލާއަކީ "އިންސައިޑް ޖޮބެއް" ނުވަތަ ސަރުކާރުގެ ތެރެއިން ރޭވުނު ކަމެއް ގޮތުގައި މީރާ ސިފަ ކުރައްވާފައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ އެއްވެސް ބޭފުޅެއްގެ އިހުމާލެއް އޮތް ކަން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ހިންގާ އިންކުއަރީގެ މައްޗަށް އެކުލަވާލާ ރިޕޯޓްގައި އެ ކޮމިޓީން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ތިލަފަތުގެ ރޮދި

    އެކޮއެ. ތިޔަށް ކިޔަނީ ސެލެކްޓިވް ޖަސްޓިސް. ޕާރޓީ މާރިޔާ ވީމަ ގެއްލުމެއް ނުދޭނެ. އަދާލަތު އިމްރާނު ވީމަ މަޤާމުން އެކަހެރިކޮށް ފުރިހަމަ ތަހުގީގެއް ކުރެވޭނެ ކަމަށްވެސް ދެކެނީ. ރައްޔިތަކަށް އިންސާފެއް ހޯދާ ދެވޭނެ އެކަކުވެސް ތިތާކުނެތް. އިތުރު ބޭކާރު ވާހަކަ ނުދައްކާ މަޑުން ހުރުން ބުއްދިވެރިވާނެ. ކަމެއް ކުރަންޏާ ޕާރޓީ ލޯގޯގަނޑު އިސްލާހުކޮށް ތިލަފަތް ބަދަލުގަ އަމިއްލަ ފޮޓޮއެއް ޖަހާލާ.

    14
  2. ޅަބޭ

    ރަގަޅު ވާހަކައެއް. އެއް އިބިލީސް އަނެއް އިބިލީހައް ގެއްލުމެއް ނުދޭނެ. އިބީހުން ގެއްލުންދޭނީ އިންސާނުނައް.

    15
  3. ޕީޕީ ސަޕޯރޓަރ

    ނަޝީދުގެ ތި ބަސްފުޅަށް ވަރަށް ހިތްހަމަޖެހިއްޖެ. އަޅުގަނޑަކީ ޕީޕީއެމް ސަޕޯރޓަރ އަށްވިޔަސް މާރިޔާ އަދި ނަޝީދުގެ ރަޙުމަތްތެރިކަމުގެ ގުޅުމާ އެކަކު އަނެކަކާ މެދު އޮނަން އިތުބާރާ އެހީތެރިކަން ހުރިހާ ތަނަކުންވެސް ދެކެން. ނަމަވެސް ބޮން ގޮއްވި ޙާދިސާއާގުޅިގެން ހުރިހާ އެންމެން މަރިޔާއަށް އިނގިލި ދިއްކުރިނަމަވެސް އަޅުގަނޑުގެ ހިތްބުނަނީ މާރިޔާ ނަޝީދަށް ދެރައެއް ނުދޭނެކަމަށް އަދި ނަޝީދު މާރިޔާ އާދޭތެރެ ކުށް ހީއެއް ކޮށްފާނެކަމާމެދުވެސް ދެރަވިން. ނަމަވެސް މިޚަބަރުގެ ފެނުމުންވެސް ދެ ރަޙުމަތްތެރިއެއްގެ ގުޅުމަށް ޙަގީގަތެއްނެތް ކަމަކުން ބުރޫނާރާނެކަން ކަށަވަރުވެ، ވަރަށް ހިތްހަމަޖެހިއްޖެ.

    2
    1
  4. ސަމާ

    ލައިލާ، ހިސާން، މާރިއާ .. މިއިން އެއްވެސް ބޭފުޅޭއް މަިނިކުފާނަކަށް ގެއްލުމެއްނުދޭނެ.

  5. ލައިލާ

    މަށަށް މާކުރިންވެސް އިނގޭ ތިހެންބުނާނެކަން މާރިޔާ ތަދެއްނުކުރާނެޔޭ މިހާރު ބުނާނީ ހިސާން ތަދެއް ނުކުރާނެޔޭ

  6. ޠޔޔ

    މީނަގެ ކެމޕެއިންނަށް މާރިއާބޭނުންވާނެ.

  7. ސސ

    އެކަމަކު މަ ނިކުފާ ނު ވެލާ ނާގެއި ން ވައްކަ ން ކުރިކަމުގެ ތަޢުޒީރީ ޢަދަބު ކަ ންޑައަޅާދި ން ދައުވާ ހިފައިގެ ން ކޯޓަށް ވަޑައި ގަތީ އެކަމަ ނާ ތޯ ؟