މިދިޔަ އަހަރު ރާއްޖޭގެ ރަށްރަށުން ގޮތް ނޭނގޭ ގޮތަށް ކަނޑޫފާތައް މަރުވަމުންދާތީވެ ނެގި ސާމްޕަލްތަކުން ދުނިޔޭގެ ކަންކޮޅުތަކުގައި ބައެއް ބާވަތްތަކުގެ ގަސްތަކަށް ބަލިޖައްސާކަމަށް މީގެ ކުރިން ފާހަގަވެފައިވާ ބާވަތެއްގެ "ފަންގަސް" އެއްވަނީ ފެނިފައިވާ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ އިން ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން، ރާއްޖޭގެ އުތުރުގައިވާ އެންމެ ބޮޑެތި ކަނޑޫފާތަކުން ގިނަ އަދަދެއްގެ ގަސްތައް ގޮތް ނޭގޭގޮތަކަށް މަރުވަމުން ދިޔުމާއި ގުޅިގެން، އެ ގަސްތައް މަރުވަމުންދާ ސަބަބު ހޯދުމަށް އީޕީއޭއިން ދިރާސާތަކެއް ކުރިއެވެ.

ދިރާސާގެ ހޯދުންތަކުން ކަނޑޫފާތައް މަރުވަމުންދާ ސަބަބު ކަނޑައެޅިގެން ހޯދިފައިނުވާތީ، ކަނޑޫފާތައް މަރުވަމުން ދިޔުމަށް މެދުވެރިވި ސަބަބު ދެނެގަތުމަށް އިތުރު ތަހުލީލުތަކެއް ކުުރުމަށް، ކަނޑޫފާ އެންމެ ބޮޑަށް މަރުވަމުންދާ ރަށްރަށުން، ނެގިފައިވާ ގަހުގެ ސާމްޕަލްތައް، އިންޑިއާގެ ކޮޗިން ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ އަށް ފޮނުވައިގެން ތަޙްލީލްތަކެއް ކުރެވުނެވެ.

މިތަހްލީލްތަކަކީ ކަނޑޫފާގައި ހެދޭ ގަސްގަހުގެ ފަތާއި، ގަސްގަނޑުގެ ތޮށި، ވެލި، އަދި ކުޅީގެ ފެންނަގައިގެން ކުރެވުނު ތަހްލީލުތަކެކެވެ.

އެ ތަހުލީލުތަކުން ހޯދުނު ހޯދުމުގެ މައްޗަށް ބިނާކޮށް އީޕީއޭއިން އާއްމުކޮށްފައިވާ ބަޔާނެއްގައި ވިދާޅުވީ، ހަތް ރަށަކުންނާއި ކަނޑޫފާ މަރުވުމުގެ އަސަރު ނުފެންނަ ދެ ރަށަކުން، ފެނާއި ވެލި ތަހުލީލުކޮށް ބެލިބެލުމުން، ފެނާއި ވެލީގައި އެކުލެވިފައިވާ "ނިޔުޓްރިއެންޓްސް"ގެ މާއްދާތައް ހުރި މިންވަރު، ރާއްޖެ ފަދަ ހޫނު ގައުމުތަކުގެ ކުޅި، ފައު އަދި ޗަސްބިންތަކާއި ދާދި އެއްގޮތްކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

'ހެވީމެޓަލް' ގެ އަސަރެއް މީގެ އެއްވެސް މާހައުލަކުން އަދި ފާހަގަވެފައެއްނެތް ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

މި މާހައުލުތަކުގެ ވެއްޔާއި ފެން، އަދި ކަނޑޫގަސްތަކުގެ މުލާއި، ފަތާއި، ތޮށީގައި އެއްވެސް ޖަރާސީމެއްވޭތޯ ބެލިބެލުމުން، މިފަދަ މާހައުލުންނާއި މިފަދަ މާހައުލުތަކުގައި ހެދޭ ގަސްގަހުން ނުފެންނަ، މާގިނަ ބަލިޖައްސާ ފަދަ ލޮލަށް ނުފެންނަ ބާވަތްތަކުގެ ކުދި ދިރުންތައް ފާހަގަވެފައެއް ނުވެއެވެ.

ހއ. ކެލާގާއި އޮންނަ ކަނޑޫފާ މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ނަމަވެސް ކުރެވުނު ތަޙްލީލްތަކުން ހޯދިފައިވާ "ފަންގަސް" އަކީ، ތަފާތު ސަބަބުތަކާއި ގުޅިގެން ކަނޑޫފާތައް ބަލިކަށިވުމަށް (ސްޓްރެސް ވުމަށް) ހުށަހެޅިފައިވެދާނެ ދަނޑިވަޅެއްގައި ގަސްތައް އިތުރަށް ބަލިކޮށްފާނެ ފަންގަސްއެއް ކަމަށް ތަހުލީލުކަމުން ދައްކާ ކަމަށް އީޕީއޭއިން ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑޫފާ ގަސްތައް މަރުވަމުންދަނީ މިފަންގަސްގެ ސަބަބުންކަން ޔަގީން ކުރެވޭނީ، ތަހުލީލުކުރެވޭ "ސާމްޕަލް ސައިޒް" ބޮޑުކޮށް، ދިގުމުއްދަތަށް އިތުރު ތަހުލީލުތަކެއް ކުރެވިގެންް ކަމަށް އީޕީއޭއިން ދެކެއެވެ.

ކަނޑޫފާތަކުން ފެނިފައިވާ ސޫފާސޫފިތައް އިތުރަށް ތަހުލީލުކޮށް މީގެން ގަސްތަކަށް ކޮށްފާނެ އަސަރު ދެނެގަނެ، ބަޔާން ކުރުމަށް، އިލްމީ މާހިރުންގެ އިތުރު "ފީލްޑް ވިޒިޓް" ތަކާއި، ސައިންޓިފިކް ތަހުލީލުތައް ކުރަންޖެހިފައިވާ ކަމަށް އީޕީއޭއިން ވިދާޅުވިއެވެ.

އެހެންކަމުން، މިކަމުގައި އީޕީއޭއާކު މަސައްކަތްކުރަމުން ގެންދަވާ ޓީމެއް ވީހާވެސް އަވަހަކަށް އެރަށްރަށް ޒިޔާރަތްކޮށް، އިތުރު ސާމްޕަލްތައް ނަގައި، އިތުރު ތަހުލީލުތައް ކުރުމަށްވަނީ ހަމަޖެހިފައެވެ.

ރާއްޖެފަދަ ތަރައްގީވަމުންއަންނަ ގައުމުތަކުގައި މިފަދަ މާހައުލަތަކަށް އިންސާނުންގެ ފަރާތުންނާއި މޫސުމަށް އަންނަ ބަދަލުތަކުންނާއި އަދި ބައެއް ގުދުރަތީ ކަންކަމާއި ގުޅިގެން، މި ސަރަޙައްދުތަކުގެ މާޙައުލުތަކަށާއި ފެންދައުރުވުމަށް ބަދަލު އަންނަމުންދާކަމަށް ފާހަގަކުރެވޭ ކަމަށާއި، ކަނޑޫފާ މަރުވުމުގެ މައްސަލައަކީ ރާއްޖެއަށް އެކަނި ކުރިމަތިވެފައިވާ މައްސަލައެއް ނޫންކަންވެސްް އީޕީއޭއިން ވަނީ ފާހަގަކުރައްވާފައެވެ.

ދިގުމުއްދަތަށް ދިރާސާކޮށް ހައްލެއް ހޯދުމަށް ދުވަސްނަގާނެކަމާއި "ސިންގަލް ސޮލިއުޝަން" އެއް މިފަދަ ކަންކަމަށް ނުހުންނަކަން އީޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.