ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި އޭގެ ޒިންމާތައް ހަވާލުކުރެވިފައިވާ 10 އިދާރާއެއް އެކުގައި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރު ކުރަން ތާވަލުކޮށްފިއެވެ.

މިއަދު މެންދުރުފަހު 12:00 ޖަހާކަށް ހާއިރު ތާވަލުކޮށްފައިވާ އެ ކޮމިޓީގެ ބައްދަލުވުމުގެ އެޖެންޑާގައި ވަނީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުން އަދާ ކުރަން ޖެހޭ ޒިންމާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ ބައެއް މައްސަލަތަކުގައި މީގެ ކުރިން ވެސް އެ ކަންކަމުގެ ތަހުގީގަށް ފާރަވެރިވާން ކޮމިޓީއަށް އިދާރާތައް ހާޒިރުކޮށްފައިވެއެވެ.

މި ކޮމިޓީން ވަނީ އަންހެނުންނަށް ކުރާ އަނިޔާއާއި ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ ގޮތުން ޕާލިމެންޓްރީ އިންކުއަރީއެއް ވެސް ހިންގާފައިވެއެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ފުރައްސާރަ ކުރުމާއި ރޭޕް ކުރުމުގެ މައްސަލަތައް އަންނަނީ އިތުރުވެ ފެންމަތިވަމުންނެވެ. މީގެ ތެރޭގައި ދެ އަހަރާއި ފަސް އަހަރާ ދެމެދުގެ ވަރަށް ތުއްތު ކުދިންނަށް ގޯނާ ކުރި މައްސަލަތައް ވެސް ހިމެނެއެވެ.

ކޮމިޓީއަށް މިއަދު ހާޒިރުކުރާ ފަރާތްތައް

  • ޖެންޑާ މިނިސްޓްރީ
  • އެޑިއުކޭޝަން މިނިސްޓްރީ
  • އެޓާނީ ޖެނެރަލްގެ އޮފީސް
  • ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް
  • ޖުވެނައިލް ކޯޓް
  • ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް
  • ފުލުހުން
  • ހިއުމަން ރައިޓްސް ކޮމިޝަން
  • ޗިލްޑްރަންސް އޮމްބަޑްސްޕާސަން
  • ޔުނިސެފް

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި 13 އަހަރުގެ ކުޑަ ކުއްޖަކު މަރާލުމަށް ފަހު އެއްލާލާފައި އޮއްވާ ވެސް ދާދިފަހުން ފެނިފައި ވެއެވެ. އެކުއްޖާ އަށް ވެސް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސސ

    ދައުލަތް އޮޅުން ބޮޅުން އަ ރުވައިގެން ތިމާމެނާއި ނުބެހޭ ކަންކަމާއި ބެހިގަނެ މާބޮޑު މަސައްކަތެއް ކު ރާބަޔެއްކަން ދައްކަން އުޅޭ ބަޔެއް !