ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް-2 ގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭނުންވާ ލިޔުންތައް Hiya 7000 Portal މެދުވެރިކޮށް ހުށަހަޅަން އެޗްޑީސީ އިން އެދިއްޖެއެވެ.

އެޗްޑީސީ އިން ކުރި އިއުލާނެއްގައި ބުނީ މި އޮންލައިން ޕޯޓަލްގެ މަޤުޞަދަކީ، ފުލެޓު ލިބިފައިވާ ފަރާތްތަކުން އެޗްޑީސީއަށް ލިޔެކިޔުންތައް ހުށަހެޅުމާއި އަދި އެހެނިހެން މުޢާމަލާތްތައް ކުރުމަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދިނުމުގެ އިތުރުން ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ކުރިމަތިވެދާނެ ހުރަސްތަކާއި އެކުވެސް، އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް ހުއްޓުމެއްނެތި ކުރިއަށްގެންދެވޭނެ އިންތިޒާމު ފަހިކުރުމެވެ.

ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި ޕޯޓަލް މެދުވެރިކޮށް އެޗްޑީސީ އަށް ހުށަހަޅަން ޖެހޭ ތަކެތީގެ ތެރޭގައި ފްލެޓު ސޮއިކުރަން ބޭނުންވާ މަޢުލޫމާތު ފޯމް ހިމެނެއެވެ. ފްލެޓު ލިބިފައިވާ ހުރިހާ ފަރާތްތަކުންވެސް ފުރިހަމަ ކުރަން ޖެހޭނެ މި މަޢުލޫމާތު ހުށަހަޅާނީ އެ ފަރާތަކަށް ފްލެޓު ލިބިފައިވާ ކެޓަގަރީގެ (އެއް ވެރިފަރާތް، ދެމަފިރިން އެއްކޮށް، ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް) ފޯމު މެދުވެރިކޮށެވެ. މިމަޢުލޫމާތު ހިޔާ މަޝްރޫޢުގެ އޮންލައިން ޕޯޓަލްގެ ޒަރިއްޔާއިން ފުރިހަމަކުރެވެން ހުންނާނެއެވެ.

އޮންލައިން ޕޯޓަލްގެ ޒަރިއްޔާއިން މަޢުލޫމާތު ހުށަހެޅެން ނެތް ފަރާތްތަކުން، އިޢުލާނާއެކު ޝާއިޢުކޮށްފައިވާ ފޯމު ނަންބަރު: HF1 ފުރިހަމަކުރުމަށްފަހު އެޗްޑީސީއަށް ހުށަހަޅަންޖެހޭނެއެވެ.

އެމަޢުލޫމާތުތަކަކީ ފުލެޓު އެއްބަސްވުން ތައްޔާރުކުރުމަށް މުހިންމު މަޢުލޫމާތުތަކެއްކަމުން، އެފަރާތެއްގެ ފުލެޓު އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލުކުރެވޭނީ މި މަޢުލޫމާތުތައް އެޗްޑީސީއަށް ހުށަހެޅުމުން ކަމުގައި ވެސް އެޗްޑީސީ އިން ވިދާޅުވެއެވެ.

އިތުރަސް ހުށަހަޅަން ޖެހޭ ތަކެތީގެ ތެރޭގައި ފުލެޓު ލިބިފައިވާ ފަރާތްތަކުގެ އައިޑީ ކާޑުކޮޕީ ހިމެނެއެވެ. ފުލެޓު ލިބިފައިވަނީ ދެފަރާތެއްގެ (ދެމަފިރިން ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ ކެޓަގަރީ) ނަމުގައި ނަމަ ފުލެޓު ލިބިފައިވާ ދެ ފަރާތުގެ އައި.ޑީކާޑު ކޮޕީވެސް ހުށަހަޅަންޖެހޭނެއެވެ.

މި މަޝްރޫޢުގެ ދަށުން ފުލެޓު ލިބިފައިވާ ފަރާތެއް އެއްބަސްވުމުގައި ސޮއިކުމަށްފަހު ނިޔާވެއްޖެ ނަމަ ނުވަތަ ބުއްދިއަށް އުނިކަމެއް އަތުވެއްޖެނަމަ، އެފަރާތެއްގެ ވާރިސުން ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ސާބިތުކުރެވެންދެން އެފަރާތުގެ ބަދަލުގައި ފުލެޓުގެ އެންމެހާ ޒިންމާތައް އުފުލާނެ ފަރާތެއް ހަމަޖައްސުމަށް އިޢުލާނާއެކު ޝާއިޢުކޮށްފައިވާ ފޯމު ނަންބަރު: HF2 ފުރިހަމަކުރުމަށްފަހު އެޗްޑީސީއަށް ހުށަހަޅަން ޖެހޭނެއެވެ.

އެޗްޑީސީ އިން މަސައްކަތް ކުރަމުން އަންނަނީ މިމަހުގެ 14 ވަނަ ދުވަހު ހިޔާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއި ކުރާށެވެ.