ނިރުބަވެރިކަމުގެ ހުއްޓުވުމުގެ ގާނޫނު ތަންފީޒު ނުކުރެވޭ ކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ފާޑު ވިދާޅުވެއްޖެއެވެ.

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލުގެ އިބްތިދާއީ ބަހުސްގައި ވައްޑެ ވިދާޅުވީ ސަރުކާރަށް އެއްބާރުލުން ދޭން ބޭނުންވާ ގޮތަކަށް ގާނޫނަށް އިސްލާހު ގެނެސްދެވިދާނެ ކަމަށެވެ.

އެކަމަކު، އެ ގާނޫނު ދެން ވެސް ތަންފީޒު ނުވާ ނަމަ ކޮންމެ ފަހަރަކު އެތައް އިސްލާހެއް ގާނޫނަށް ގެނައުމުގެ ބޭނުމެއް ނެތް ކަމަށް ވައްޑެ ވިދާޅުވިއެވެ.

ދެހާސް ނަވާރަވަނަ އަހަރު ސަރުކާރުން ބޭނުންވާ އެތައް އިސްލާހެއް ޓެރަރިޒަމްގެ ގާނޫނަށް ގެނައި ފަހުން އެ ތަންފީޒު ނުވާ ކަން ވައްޑެ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ "ތަންފީޒީ އިދާރާތަކުން ފަހަތު ފަޔަށް ބުރަވާ" ކަމަށެވެ.

މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިން މައްސަލައަށް އިޝާރާތް ކުރައްވަމުން ވައްޑެ ވިދާޅުވީ އެ ހަމަލާއަށް ޚަރަދުކޮށް ފަންޑުދިން މީހުން އަދިވެސް ތިބީ މިނިވަންކޮށް ކަމަށެވެ.

"ހޯމް މިނިސްޓަރުއާއި، ޑިފެންސް މިނިސްޓަރު މި ކަން ހައްލު ކުރަން ނުތިބެންޏާ މި ކަމެއް ހައްލުވާކަށް ނެތް، މި ދެ މިނިސްޓަރުން ބަލަހައްޓަން އޮތް ފުލުހުންނާއި ސިފައިންގެ އިސް ވެރިން އެ ކަން ކުރަން ނެތިއްޔާ އެ ކަމެއް ހައްލެއް ނުވާނެ،" ވައްޑެ ވިދާޅުވިއެވެ.

މި ބިލުގެ ބަހުސްގައި ރައީސް ނަޝީދު ތާއީދު ކުރައްވާ މެންބަރުން ގެންދަވަނީ ހޯމް މިނިސްޓަރު އިމްރާނަށް ބަހުގެ ހަމަލާތައް ރައްދު ދެއްވަމުންނެވެ. އިމާރަނަށް ގައުމުގެ އަމަން ބެލެހެއްޓުމުގެ ޒިންމާ ނުއުފުލޭ ކަމަށް އެ މެންބަރުން ވިދާޅުވެއެވެ.

މީގެ އިތުރުން މާރިޔާއަކީ މި ހަމަލާއަށް ފަހު ނަޝީދުގެ ސަޕޯޓަރުންގެ ފާޑުކިއުން އެންމެ ބޮޑަށް އަމާޒުވި އެކަކެވެ. އެއީ ނަޝީދަށް ނުރައްކާ އޮތް ކަމުގެ މައުލޫމާތު ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އެކަމަނާއަށް ދެއްވާފައިވަނިކޮށް އެ ހާދިސާ ހިނގުމުންނެވެ. އެކަމަކު އެ މައުލޫމާތާ ގުޅިގެން ސެކުއިރިޓީ ވަރުގަދަ ކުރި ކަމަށް މާރިޔާ ވިދާޅުވެއެވެ.

ނަޝީދުގެ ސެކުއިރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ހިންގާ އިންކުއަރީއަށް ވެސް މި ދެ މިނިސްޓަރުން ހާޒިރުކުރިއެވެ. މިނިސްޓަރުންގެ އިހުމާލެއްވާނަމަ އިންކުއަރީއަށް ފަހު އާންމު ކުރާ ރިޕޯޓްގައި އޮންނާނެ ކަމަށް ބުނެއެވެ.

އެހެންވިޔަސް އެ އިންކުއަރީގައި ފާހަގަކުރެވުނު ގައުމީ ސަލާމަތަށް ނުރައްކާ ހުރި ބައެއް މައުލޫމާތުތައް ހިމެނޭނެތީ ރިޕޯޓްގެ އެ ބައި ސިއްރު ކުރާނެ ކަމަށް ވެސް ކޮމިޓީގެ މުގައްރިރު އަދި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޢބދ

  މިނިސްޓަރު ކަމައްޓަކާ ގައުމު ވިއްކާލި އިރުވެސް އަނގައިންނުބުނެ ހުއްޓާ ކަނޑާލާނެ....... ދެން ހައެއްކަ މަސް ކޮއްފަ ކޮއްމެވެސް ތާކައް އަރާ އަގައެއް ތެޅޭތޯ ބަލާނެ . އެކަމަކު އެދެއްކޭ ވާހަކަޔަކަށް މީހަކު އަޅައެއްނުލާނެ ބާކީ އުމުރުގަ އޮތް ބައި ހޭދަކުރަން ޖެހޭނީ އަގުވެއްޓިފަވާ މީހެއްގެ ގޮތުގަ.

 2. Anonymous

  މިއީ ފައްކާ ރޯނު އެދުރެއް

 3. ޙަލީމުސަރ

  ރައްޔިތުންގެ މަޖުލީހަށް ހޮވާވަރަށް ވުރެ އަޚުލާޤުދަށް ތަޢުލީމެއް ތަޖުރިބާއެއް ނެތް މީހުން ހޮވީމާ ވާނީ މިހެން! ޒުވާބުކުރުން ނޫން ކަމެއް މީނާއަކަށް ނުވޭ!

 4. އިބްރާ

  ތިޔަކަންކަމާއި އެމްޑީޕީ ހަ ރުގެއިން ހަވާލުވާންވީ ނޫންތޯއެވެ.

 5. ޣގ

  ތީވަރުގަދަ ވައްޑެއެއް...

  5
  2