ނިރުބަވެރި ކަމުގެ މައްސަލަތަކުގައި ތަހުގީގު މަރުހަލާ އިން ފެށިގެން ބަންދުގައި ބެހެެއްޓުމަށް ހުރި ގާނޫނު ހުރަސްތައް ނައްތާލަން ހުށަހަޅާފައިވާ ޓެރަރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ބަލައިގަނެ ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް ހުށަހެޅުއްވި ބިލު ބަލައިގަންނަން ފާސްކުރީ 47 މެންބަރުންގެ ވޯޓުންނެވެ. މި ބިލު ބަލައިގަންނަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

ޓެރަރިޒަމްގެ ގާނޫނަށް މި މަޖިލީހުގައި ގިނަ އިސްލާހުތަކެއް ގެނެސް ފުލުހުންނަށް ގިނަ ބާރުތަކެއް ދީފައިވަނިކޮށް ދެވަނަ ފަހަރަށް ފުލުހުންނަށް އިތުރު ބާރުދެވޭ މި ބިލު ދިރާސާކުރަން ފޮނުވީ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އަށެވެ.

ނިރުބަވެރި ކުށްތައް ތަހްގީގުކުރުމާ ގުޅޭގޮތުން ގެނައުމަށް ހުށަހަޅާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި އެފަދަ ބޮޑެތި ކުށްތައް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ފަރާތްތައް 48 ގަޑިއިރަށް ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިދިނުން ހިމެނެއެވެ.

އޭގެ އިތުރުން، އެފަދަ ފަރާތްތައް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް، އެފަރާތްތަކުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް އިތުރަށް ސާފުކޮށްދިނުން ވެސް ބިލުގައި ހިމެނެއެވެ.

ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިދޭ ފަރާތެއް އަމިއްލަ ތަނެއްގައިވާ ހާލަތުގައި އެތަނަކަށް ވަދެ، އެތަން ބަލައި ފާސްކުރުމުގެ ބާރާއި އެކަން ކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައްވެސް ބަޔާންކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން، ހަނގުރާމައަށް ދިއުމަށްފަހު ނުވަތަ ހަނގުރާމަވެރި ސަރަހައްދުތަކަށް ދިއުމަށްފަހު އަނބުރާ ރާއްޖެއަށް އަންނަ ފަރާތްތަކާމެދު އަމަލުކުރާ އިޖުރާއަތުތަކަށް ބަދަލު ގެނައުމަށް ހުށަހަޅާފައިވެއެވެ.

ނިރުބަވެރިކަމުގެ އަމަލުތައް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ބެލެވޭ ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ތަހްގީގު ވަގުތުން ވަގުތަށް ވެސް ކުރިއަށްގެންދެވޭނެ ގޮތް ހަމަޖެއްސުމާއި، އެ ނޫން ފަރާތްތަކަކީ އެފަދަ އަމަލުތަކުގައި ސީދާ ބައިވެރިވި ފަރާތްތަކެއް ކަމަށް ނުވި ނަމަވެސް އެ ފުރުސަތު އޮތް ކަމަށް ބަލައި ފިޔަވަޅު އެޅުމުގެ ފުރުސަތު ލިބޭ ގޮތަށް ވެސް ބިލުގައި ހިމެނެއެވެ.

އެފަދަ އަމަލުތަކުން މުޖުތަމައު ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، އެފަދަ ފިޔަވަޅުތައް އެޅުމާއެކުގައި ވެސް އެފަދަ ފަރާތްތަކަށް ދޭން ޖެހޭ ރީހެބިލިޓޭޝަންގެ ފަރުވާ ދިނުމަށް މަގުފަހިކުރެވޭނެ ގޮތަށް ބިލަށް އިސްލާހުތަކެއް ހުށަހަޅާފައިވެއެވެ.

މި ގޮތަށް ފަރުވާ ދެވޭ ފަރާތްތަކުގެ ތެރޭގައި މޮނިޓަކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ތަންފީޒުކުރަމުންދާ ފަރާތްތަކަށާއި ނިރުބަވެރިކަމުގެ ކުށުގެ ތުހުމަތުގައި ތަހްގީގު މަރުހަލާގައި ބަންދުގައިވާ ފަރާތްތަކަށާއި، ނިރުބަވެރިކަމުގެ ކުށް ސާބިތުވެ ހުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކަށާއި އަނބުރާ އަންނަ ހަނގުރާމަވެރިންނާއި އެފަރާތްތަކުގެ އާއިލާގެ މެންބަރުން ހިމެނެއެވެ.

އެ ފަރާތްތަކަށް ދެވޭ ރީހެބިލިޓޭޝަންގެ ފަރުވާއަކީ ގާނޫނީ ނިޒާމުގެ ކުރިމައްޗަށް އެމީހުން ހުށަހެޅޭ ހިނދުން ފެށިގެން، މުޖުތަމައުއަށް އަނބުރާ ރުޖޫއަ ވަންދެން މެދުކެނޑުމެއް ނެތި ދެވޭ ފަރުވާއެއް ކަމުގައި ގާނޫނުގައި ކަނޑައެޅިގެން ބަޔާންކުރަން ވެސް ބިލުގައި ހިމަނާފައިވެއެވެ.