ޖެންޑާ މިނިސްޓްރީގެ އޮފީސް ތެރޭގައިވެސް ކުޑަކުދިން ގެންގުޅެމުންދާ ކަމަށް ޗިލްޑްރެންސް އޮމްބަޑްސްޕާސަން ނިއުމާތު ޝަފީގް މިއަދު ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުން އަދާކުރަން ޖެހޭ ޒިންމާތަކާއި ގުޅޭ ގޮތުން ކަމާއި ގުޅޭ އިދާރާތައް ވަނީ މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ނިއުމާތު ވިދާޅުވީ، ކުޑަކުދިންގެ ހިޔާގައި ކުދިންނަށް ދިމާވާ މައްސަލަތަކާއި ގުޅިގެން އެކި ކޭސް ތަކުގައި ހޯމް މިނިސްޓަރާއި ކަރެކްޝަންސްއާއެކު މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ.

އެ ބައްދަލުވުންތަކުން އެނގިގެން ކުށްކޮށްފައި ތިބި ކުދިންނާއި ކުށުގެ ވެއްޓަށް ހުށައެޅިދާނެ ކުދިން އެއް ތަނެއްގައި ގެންގުޅޭކަން ކަމަށް ވިދާޅުވިއެވެ.

އެއަށް ފަހު އޭނާ ވިދާޅުވީ، ބަންދުކޮށްފައި ތިބި ކުދިންގެ ތެރެއިން އެއް ކުއްޖަކީ ބެހެއްޓޭނެ ތަނެއް ނެތިގެން ޖެންޑާ މިނިސްޓްރީގެ އޮފީސް ތެރޭގައި ގެންގުޅޭ ކުއްޖެއް ކަމަށެވެ.

"މިހާރު ޖެންޑާ މިނިސްޓްރީން އޮފީސް ތެރޭގައި ކުއްޖަކު ގެންގުޅޭ. ބެހެއްޓޭނެ ތަނެއް ނެތް. އޭނާ ވަކިން އޮފީހުގައި ބަހައްޓާފައި އެތާ ތިރީގައި ހުންނަ ސެންޓަރަކަށް ތެރަޕީއަށް ގެންދަނީ" ޖެންޑާގެ ހާލަތު ކިޔައިދެމުން ނިއުމާތު ވިދާޅުވިއެވެ.

ޔުނިސެފް ގެ ކޮންސަލްޓަންޓެއްގެ މަގާމުވެސް ފުރުއްވާފައިވާ ނިއުމާތު ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންވެސް ކުށްތަކަށް އަރައިގަންނަ ކަމަށާއި، އެކަންތައްތަކަށް ހައްލު ހޯދަން ކުރެވޭ މަސައްކަތްތައް ބަލަމުންދާ ކަމަށެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނު ބުނާ ގޮތުން ކުޑަކުދިންނަށް ބޭނުންވާ ޕްރޮގްރާމް ހިންގަން ޖެހޭނީ ޑިޕާޓެމްންޓް އޮޕް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) އިންނެވެ. އެހެން އޮތަސް ޑީޖޭޖޭއަށް އެންމެ އެކަށިގެންވާ ގޮތަށް ޕްރޮގްރާމްތައް ނުހިންގޭކަން އޭނާ ފާހަގަކުރެއްވިއެވެ.

"ކުދިންނަށް ބޭނުންވާ ޕްރޮގްރާމް ދެވިފައެއް ނެތްކަން އެބަ ފެނޭ" ނިއުމާތު ވިދާޅުވިއެވެ.

ކުޑަކުދިންގެ ރިހިބިލިޓޭޝަން ސެންޓަރު ގާއިމްކުރަން ޑީޖޭއޭއަށް ދީފައިވަނީ އަންނަ އަހަރުގެ މޭމަަހަށެވެ. އެކަމަކު ނިއުމާތު ކަންބޮޑުވުމަކީ އެ މުއްދަތާ ހަމަޔަށް ކުދިންގެ ރިހެބިލިޓޭޓް ކުރެވޭނެ ގޮތެއް ނެތުމެވެ.

"ކުދިން ތިބެންވީތޯ މި އަންނަ އަހަރުގެ މޭއާ ހަމަޔަށް" މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަންގެ ކުރީގެ ޗީފް ކޮމިޝަނަރުކަންވެސް ކުރެއްވި ނިއުމާތު ސުވާލު އުފެއްދެވިއެވެ.

ހިޔާގައި ރޯކުރި މައްސަލާގައި ތުހުމަތު ކުރެވުނު ބައެއް ކުދިންނާ ވާހަކަ ދެކެވެނުން ކަމަށާއި، އޭގެ ތެރެއިން ބައެއް ކުދިންނަކީ ވީހާވެސް އަވަހަކަށް "އިންޓެންސް" ޕްރޮގްރާމްތައް ފުރިހަމަކުރަން ޖެހޭ ކުދިން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެއް ކުއްޖަކު މިހާރު ރާއްޖެއިން ބޭރަށް ގެންގޮސްފައިވާ ކަމަށެވެ.

ކުޑަކުދިންގެ މައްސަލަތައް ހައްލުކުރަން އެންމެން އެކަތިގަނޑަކަށްވެގެން މަސައްކަތް ކޮށްގެން ކަމަށާއި، އެކަމަކު އެއް އިދާރާއިން ކުރާ ކަންތައް އަނެއް އިދާރާއަށް ނޭނގޭކަން އޭނާ ފާހަގަކުރެއްވިއެވެ.

"ކުއްޖަކު ބަންދުކުރަކަން ސްކޫލަކަށް ނޭނގެ. ސްކޫލުގެ ރެޖިސްޓްރޭޝަންގައި އޮންނަ ކުއްޖަކު ބަންދުކުރެވޭއިރުވެސް ނޭނގެ" މަތީ ތައުލީމް އުނގަންނައިދޭން މަސައްކަތްކުރައްވާފައިވާ ނިއުމާތު ވިދާޅުވިއެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރާ މިންވަރު ދެނެގަނެ، ގާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ބާރުއެޅުމާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ މުޢާހަދާއާއި އެއްގޮތަށް ދައުލަތުގެ އިދާރާތަކުން އަމަލުކުރާ މިންވަރު ދެނެގަތުމެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުންގެ ޢަމަލުތައް ތަހުގީގުކޮށް މުތާލިއާ ކުރުންވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކާފަބޭ2020

    މޮޅެތިނަންނަންކިޔާފަ ޕާޓީކުދިންނަށް ބަހާލީމަލިބުނުވަރު މަދުވެދާނެ ނަމަވެސް ހުރިހާކުދިންވެސްހަމަޖެހޭތޯބަލަންވާނެ! ބޭރާއެތެރެވެސްހަމަޖެހެންވާނެނޫންތޯ؟

    12
  2. ސަހަރޯ

    ތިޔައީ އޮމްބަޑްސްޕަރސަން ފާހަގަ ކުރެއްވުމުގެ ކުރިން ދައުލަތުގެ މުއައްސަސާތަކަށް ނޭނގޭ ކަންކަންތޯ؟ މިހާރު ދެން އެނގުނީމާ މާދަމާ ހުރިހާ ކަމެއް ބަދަލުވާނެތޯ؟

    10
  3. ލލ

    ހުރިހާތަނެއްގައި ވެސް ތިބީ ކުޑަކުދިން !

  4. ހަވާސާ އިބޫ

    ނިއުމަތު ސަފީގަކީ ތިޔަ މަގާމަށް ތަސައްރަފު ފުދޭމީހެއްނޫން!