ސްޓެލްކޯ ސަބް ސްޓޭޝަނަކަށް ގެއްލުންދީ ނަރުތަކެއް ވަގަށް ނެގި މީހަކު ތަހުގީގަށް ހާޒިރުވުމަށް ފުލުހުން އިއުލާނު ކޮށްފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ، މުދަލަށް ގެއްލުން ދިނުމާއި ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރު ކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ކ. ގުރައިދޫ، ރެއިންސް، މުޙައްމަދު ޝިހާބު އިބްރާހީމް (30އ) ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށެވެ.

އޭނާގެ އައިޑީ ކާޑު ނަންބަރު ވެސް އިއުލާނު ކޮށްފައިވާއިރު، ފުލުހުން ވިދާޅުވީ، އޭނާ ހާޒިރު ކުރަނީ މިއަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހު 01:32 އެހައިކަންހާއިރު، ފަރީދީމަގުގައި ހުންނަ ސްޓެލްކޯ ސަބް ސްޓޭޝަނަށް ގެއްލުންދީ ކަރަންޓު ނަރުތަކެއް ވަގަށް ނަގާފައިވާ މައްސަލައާއި ގުޅިގެން ސުވާލު ކުރުމަށް ކަމަށެވެ.

ފުލުހުން ވިދާޅުވީ، ތަހުގީގަށް އޭނާ ހާޒިރުވާން ޖެހޭނީ މި މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގ އަށް ކަމަށެވެ.