ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތަކާއި ގުޅިގެން ކްރިމިނަލް ކޯޓުން އޭނާގެ ޝަރީއަތް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދަން ނިންމި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން މިއަދު ކެންސަލްކޮށްފިއެވެ.

މި އަޑުއެހުން ބާއްްވަން ތާވަލުކޮށްފައި އޮތީ މިއަދު މެންދުރުފަހު 15.15 އަށެވެ.

އެ މައްސަލަ ކެންސަލް ކޮށްފައި ވަނީ ދިމާވި އިދާރީ މައްސަލައަކާ ގުޅިގެންނެވެ.

މި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެއީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި އަޑުއެހުމަށް އޭނާ ހާޒިރުވެ ހުރީ ކޮންތަނެއްގައި ހުރެކަން ނޭނގޭތީއެވެ.

ޕީޖީން ވިދާޅުވީ، އޭނާ ހުރީ ރާއްޖޭގެ އިހްތިސޯސުން ބޭރުގައި ކަމުން، އެކަމާ ދެކޮޅު ހަދައި އެކަން ހިނގާފައިވާ ގޮތާއި މެދު ޝަރީއަތުގައި ސުވާލުކުރި ކަމަށެވެ

ޕީޖީ އޮފީހުން ވިދާޅުވެފައި ވަނީ މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ކަމެއް ނޫން ކަމަށެވެ. އެހެންވެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރީ ކަމަށެވެ.

ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވި މިއީ ފުރަތަމަ ފަހަރެވެ. އެފަދަ ގޮތަކަށް ޝަރީއަތް ހިނގާފައިވާއިރު، ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ބޭއްވޭނެ 12 ގޮތެއް ކަނޑައަޅާފައިވީ ނަމަވެސް އަލީގެ މައްސަލަ އެތަނުން އެއްވެސް ހާލަތަކަށް ނުފެތޭ ކަމަކަށް ޕީޖީ އޮފީހުން ގަބޫލު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލޫޓުވާ

    ޢަލީ ވަހީދުގެ މައްސަލައެއް ނުބެލޭނެ. ޤާނޫނުތަކުގައި އަދި މޮޅުކަމަށް ދައުވާކުރާ ޖިނާއީ އިޖުރާތުގަނެތް އެފަދަބާރެއް. ޕީޖީ ކޯޓްތައް ޖޭއެސްސީ މަޖިސްލިސްގެ ރައީސްއޮފީސް ވަޒީރުންތިބީ އަލީ ވަހިދުގެ ދަށުވެ ފިތިފަ. ޖިނާއީ އިޖުރާތުގެ މޮޅުކަމަށް ވަކާލާތުކުރި ފުންނާބުއުސް ވަކީލުންނަށް މަރުހަބާއާއި ތަހުނިޔާ ދަންނަވަން.

  2. މިތުރު

    ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނަށް އާދޭހާއެކު ދަންނަވަން. މިޤައުމުގެ ޢަދުލުގެ ނިޒާމް ފުނޑާލަންޖާގަ ނުދީ. މިގައުމުގެ ޤާނޫނުތަކުން ރައްކާތެރިކަންލިބި ޤާނޫނުގެ ހިމާޔަތުގެ ދަށުގަ ވަރަށްގިނަ ރައްޔިތުންއުޅެމުންދޭ. ނާޤާބިލް މީހެއްގެ ނުފޫޒުދަށުގަތިބި ވެރިން އިސްތިއުފާދީ.