ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހައްގުތައް ކަށަވަރުކޮށްދިނުމަށް އެންމެ ބޭނުން އެއް ވަސީލަތަކީ ސްމާޓް ސިޓީތަކެއް ކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.

ހޮޓެލް ޖެންގައި މިއަދު ފެށުނު "ޕްރޮމޯޓިންގ ޑިސްއެބިލިޓީ އިންކްލޫސިވް ޑިވޮލޮޕްމަންޓް ފޯރަމް"ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒެނީޝާ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް "އެކްސެސިބިލިޓީ"އާއި "އިންކްލޫސިވިޓީ" ފަދަ ޚިދުމަތްތައް ފުރިހަމަވެފައިވާ ސިޓީތަކެއް ނުވަތަ ރަށްތަކެއް އުފެއްދުން ވަރަށް މުހިއްމު ކަމަށެވެ.

"ޕްރޮމޯޓިންގ ޑިސްއެބިލިޓީ އިންކްލޫސިވް ޑިވޮލޮޕްމަންޓް ފޯރަމް" އަކީ ޔޫއެންޑީޕީ މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އެއް ދުވަހުގެ ފޯރަމްއެކެވެ. މި ފޯރަމްގައި ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމަށް އެކުލަވައިލައިފައިވާ ޤާނޫނުތަކާއި ސިޔާސަތުތަކާބެހޭ ޕްރެޒެންޓޭޝަނެއް މިނިސްޓްރީގެ ފަރާތުން ހުށައަޅާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޒެނީޝާ ވިދާޅުވި ގޮތުގައި ސަރުކާރުން ފުޅާ ދާއިރާއެއްގައި އެކި ފަރާތްތަކާ މަޝްވަރާކޮށްފައިވާ ކަމަށާއި އެ މަސައްކަތުގެ ތެރެއިން ހުޅުމާލެއަކީ އެފަދަ ތަނަކަށް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

އޭގެ އިތުރުން ޒެނީޝާ ވިދާޅުވީ ސްމާޓް ސިޓީ ޕްރޮޖެކްޓް ފަރުމާކޮށްފައިވަނީ ޔުނިވަރސަލް ޑިޒައިނަކަށް ކަމަށެވެ. އަދި ޔުނިވަރސަލް ޑިޒައިނެއްގެ އެންމެ މުހިންމު އެއް ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލައަށް އުޅެވޭ ފަދަ ގޮތަކަށް ސިޓީތައް ބައްޓަންކުރުން ކަމަށެވެ

އަދި ސްމާޓް ސިޓީގެ ސިޔާސަތަކީ ހަމައެކަނި އިންފޮރމޭޝަން ޓެކްނޮލޮޖީގެ ވަސީލަތްތައް ފަސޭހައިން ލިބޭނެ މަގު ފަހިކުރުން އެކަންޏެއް ނޫން ކަމަށާއި ހުޅުމާލެއަކީ ހުރިހާ ފަރާތްތަކަށް އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން އެކްސެސްވެވޭނެ ތަނަކަށް ހެދުމަށް ސަރުކާރުން އިސްކަން ދެއްވާ ކަމަށް ޒެނީޝާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފަސީ

    އެހެންވީމާ، ސިޓީ ސްމާޓްވަންދެން ނުކުޅެދޭ މީހުން ތިބެންވީ ގޭގަ. ދެން ކޮންމެ ކަމެއްވާއިރަށް މިނިސްޓަރ ވިދާޅުވާނެ، ތިއީ ސްމާޓް ސިޓީއަކަށް ނުވީމަ ވާގޮތޭ. ކޮންމެވެސް އެއްޗެކޭ ކިޔާފަ މިމީހުންބަލާނީ އަނެކާއަށް އިނގިލި ދިއްކުރެވޭތޯ. ރަނގަޅު. އަމިއްލައަށް ކަމެއްނުކުރެވޭއިރު އެހެން މީހަކާ ދިމާލަށް އިނގިލިދިއްކުރެވުމަކީވެސް ލައްކަބޮޑުވަރުތާ. ދޯ؟