ވަގަށް ނަގައި މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި އިހުމާލުވި ކަމުގެ ތުހުމަތު ކުރެވުނު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ކުރީގެ މެންބަރު އަހުމަދު އަމީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ހެޑް އޮފް އިންވެސްޓިގޭޝަންގެ މަގާމަށް އައްޔަން ކުރި މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަން ފަށައިފިއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ކުރިން ބޭއްވި ބައްދަލުވުމެއްގައި މި މައްސަލަ ބަލައިދިނުމަށް ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް (ޓީވީ މޯޑް) އެވެ. މޯޑްގެ ހުށަހެޅުއްވުން ވަނީ ކޮމިޓީ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައެވެ.

މި ގޮތުގެ މަތިން މި މައްސަލަ ވަނީ މިއަދު ބާއްވާ ކޮމިޓީ ބައްދަލުވުމަށް އެޖެންޑާ ކޮށްފައެވެ. މަޖިލީހުގެ އިދާރާއިން އާންމުކޮށްފައިވާ އެޖެންޑާގައި ވަނީ އެންއައިސީގެ ކުރީގެ މެންބަރަކާ ގުޅޭ ގޮތުން ކޮމިޓީގެ މެންބަރަކު ހުށަހެޅި މައްސަލައަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ.

އެނގިފައިވާ ގޮތުގައި އެއީ ކުރިން މެންބަރު މޯޑު ހުށަހެޅުއްވި އަމީނަށް އޭސީސީން މަތީ މަގާމެއް ދިން މައްސަލައެވެ.

ރިލްވާނުގެ މަރުގެ މައްސަލައާ ގުޅިގެން އެންއައިސީން ނެރުނު ރިޕޯޓުގައި ފުލުހުންގެ އިހުމާލެއް ނެތް ކަމަށް ކަނޑައަޅާފައިވަނީ ބަލަން ޖެހޭ މިންވަރަށް ނުބެލި ކަމަށްވާތީވެ މައްސަލާގައި ފުލުހުންގެ އިހުމާލު އޮތުން އެކަށީގެންވާ ކަމަށް ގަބޫލުކުރެވޭތީވެ މެންބަރުންގެ ގާބިލުކަމާ މެދު ސުވާލު އުފެދޭ ކަމަކަށްވާތީވެ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން ނިންމީ އަމީން ހިމެނޭ ގޮތަށް ކޮމިޝަންގެ ހަތަރު މެންބަރުން ވަކިކުރަންށެވެ.

ކޮމިޓީން އެހެން ނިންމާފައި ވަނިކޮށް އެންއައިސީގެ މެންބަރުކަމުން މިދިޔަ އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހު އަމީން ވަނީ އިސްތިއުފާ ދެއްވައިފައެވެ.

އެނގިފައިވާ ގޮތުގައި އޭސީސީން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އަމީން އައްޔަން ކުރި ސަބަބެއްގެ ގޮތުގައި އޭނާގެ ގާބިލްކަން ފާހަގަކޮށް ކޮމިޓީއަށް ސިޓީއެއް ވެސް ކުރިން ފޮނުވާފައިވެއެވެ.

މިނިވަން މުއައްސަސާއެއްގެ މަސްއޫލިއްޔަތު އަދާކުރަން ފެއިލްވި ކަމަށް އެމްޑީޕީގެ މެންބަރުން ގަބޫލު ކުރާ އަމީނަކީ އޭސީސީގައި މިހާރު ތިއްބަވާ މެންބަރުންނާ "ގާތް ގުޅުމެއް" އޮންނަ ބޭފުޅެއް ކަމަށް ވެސް ތުހުމަތު ކުރެއެވެ. އިންވެސްޓިގޭޝަން ހެޑްގެ މަގާމަށް އަމީން އައްޔަންކޮށްފައިވަނީ އޭސީސީ މެންބަރުންގެ އެދުމުގެ މަތިންކަން ވެސް ވަނީ އެނގިފައެވެ.