ރާއްޖޭގައި އިސްލާމީ ކަންކަން ހިންގުމުގެ ހުރިހާ ކަމެއް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ވުޒާރާއެއްގެ ބަދަލުގައި މިނިވަން މުއައްސަސާއެއް އުފެއްދުމުގެ ޚިޔާލެއް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހާމަ ކުރައްވައިފިއެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ޚާއްސަ އެޑްވައިޒަރުގެ މަގާމު ވެސް ފުރުއްވާ ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިސްލާމީ ކަންކަން ހިންގުމުގެ ހުރިހާ އިދާރީ ކަމެއް އެ ކައުންސިލެއްގެ އިހްތިސާސްގައި ހިމަނައި ގާނޫނެއްގެ ދަށުން އެ ބާރު ދެވުން މުހިއްމު ކަމަށެވެ.

ޝަހީމް ފާހަގަކުރެއްވި ގޮތުގައި ސަރުކާރުގެ ވުޒާރާއަކަށް އަދި ރައީސް އައްޔަން ކުރައްވާ ވަޒީރަކަށް އަންނަ ނުފޫޒުތައް މިނިވަން މުއައްސަސާއަކަށް ފޯރުވަން ދަތިވާނެއެވެ. އެހެންކަމުން ގައުމީ އަދި ދީނީ ކަންކަމުގެ މަސްލަހަތު އިސްކުރަން މިއީ މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ވުޒާރާއެއްގެ ބަދަލުގައި މި ގޮތަށް ކައުންސިލެއް ގާއިމް ކުރެވިއްޖެނަމަ ތަފާތު ނުފޫޒުތަކުން އިސްލާމީ ކަންކަން މިނިވަންވެ، މަސްރަހަށް އަންނަ ސިޔާސީ ބަދަލުތަކުން އެ ކަންކަން ސަލާމަތްވެ ގައުމީ ދީނީ ކަންކަން ދެމެހެއްޓެނިވި ގޮތުގައި ގާއިމް ކުރެވޭނެ،" ޝަހީމް ލިޔުއްވާފައިވެއެވެ.

ޝަހީމް މިހެން ވިދާޅުވެފައިވަނީ، އިސްލާމީ ކަންކަން ކުރިއެރުވުމާއި ދީނީ ގޮތުން ޚިލާފްތައް އުފެދޭ ދުވަސްތަކުގައި ދީނީ ގޮތުން އެ ކަންކަން އޮތް ގޮތް ސާފު ކޮށްދިނުން ފަދަ ކަންކަން އިސްލާމިކް މިނިސްޓްރީއަށް ނުކުރެވޭ ކަމަށް ބުނެ އެ މިނިސްޓްރީއަށް ފާޑުކިއުން އޮތް ދުވަސްވަރެއްގައެވެ.

ރާއްޖޭގައި ފުރަތަމަ އިސްލާމިކް މިނިސްޓްރީއެއް އުފެއްދީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ޝަހީމު ވަނީ އޭރު އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ފުރުއްވައިފައެވެ. އޭގެ ފަހުން އައި ދެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުގެ މަގާމު ޝަހީމް ފުރުއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަހުމަދު

    ވަރަށް ރަނގަޅު ޚިޔާލެއް.......

  2. ޢބދ

    އިންސާނުން ދިރިއުޅޭ މުޖުތަމައު އަކައް އެއްމެ ބޭނުންތެރި އެއްޗަކީ އިސްލާދީނުގެ އުސޫލުތައް އެތަނެއްގަ ހިނގުން . ހައްގު ބަސްބުނުން ގޯސްކަންތައްތައް މަނާކުރުމުގެ މައްޗައް .އާއްމުގޮތެއްގަ ބަލޢިރު ތެދުބުނަން ނުކެރުމަކީ އެއްމެ ބޮޑު ފިނޑިކަނ. ދޭތިން އެކަތި ރަނގަޅު ނުވާނަމަ ގޯސް ކަމުގަ ބުނާފަދައިން ދޭތި ކަމުނުދާނަމަ ދޭތިވެސް ކަމުނުދާކަމުގަ ބުނަންޖެހޭނެ ރަނގަޅު މީހަކު ނުހުންނާނެ ކަމައްބަލާފަ މިދެމީހުންކުރެ އެކަކު ރަނގަޅު ކަމުގެ ވާހަކަދެއްކުމަކީ ހެދޭ ބޮޑު ދޮގެއް ގައުމައް ވެވޭ ޚިޔާނާތެއް.

  3. ނާޅި

    ދިވެހި އިސްލާމީ ދައުލަތް ވަރުގަދަ ކުރަންވީ ހުރިހާ ގޮތަކުން ، ތިޔަބުނާ ކައުން ސެލަކުން ވެސް މާޒީގައި މާބޮޑު ފައިދާއެއް ފެނިފަކާނެތް މަތީމަޖިލިހެއް ހަދައިގެން ވެސް އުޅުނު ޒަމާނެއް ހިގައްޖެ !

  4. ސސ

    މިޤައުމު ބިނާވާން ޖެހޭނީ ބޮޑުތަކުރުފާނުގެ އަސާސުގެ މަތީގައި؛
    1/ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން
    2/ ދިވެހިންނަކީ ސުންނީ މުސްލިމުން
    3/ ދިވެރި ރާއްޖެއަކީ އިސްލާމީ މިނިވަން މުސްތަޤިލު ޤައުމެއް
    4/ ދިވެހިންގެ ބަހަކީ އަރަބި ތާނަ ދިވެހިބަސް .