އއ. ހިމަންދޫގެ ގޮނޑުދޮށުން ތިން މީހެއްގެ ކަށިގަނޑު ފެނިއްޖެއެވެ.

ހިމަންދޫގެ ފުއްޓަރު ފަރާތު ގޮޑުދޮށުން ފެނިފައި ވަނީ ތިން މީހެއްގެ ބޮލުގެ ނާށިގަނޑާއި އެކު ކަށިތަކެވެ. އިއްޔެ ފެނުނު މި ކަށިތަކުން ސުންކު ނެގުމަށްފަހު މިހާރު ވަނީ ހިމަންދޫ ސަހަރާގައި ވަނީ ވަޅުލައިފައެވެ.

ކައުންސިލުގެ ރައީސް ހުޝާމް އިސްމާއިލް "ވަގުތު" އަށް ކިޔައިދިން ގޮތުގައި ތިން މީހުންގެ ބޮލުގެ ނާށިގަނޑުވެސް ހުރީ ގިބުލައާ ދިމާލަށް އަރިއަކަށެވެ. އެކެއްގެ ބޮލު ކަށިގަނޑު އެނގޭ ގޮތަށް އޮތް އިރު އަނެއް ދެ ބޮލުގެ ކަށިތައް ހުރީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ކަށިތައް ފެނިފައި ވަނީ އެރަށު ގިރާ ސަރަހައްދުންނެވެ އެއީ މިސްކިތެއް ނުވަތަ ގަބުރަސްތާނެއް ހުރިތަނެއް ނޫން ކަމަށާއި، އެ ސަރަހައްދުގައި މީހުން ވަޅުލާ އުޅުނުކަން އެނގިފައި ނުވާކަން އޭނާ ވިދާޅުވިއެވެ.

ނަމަވެސް ހިމަންދޫން "ވަގުތު" އަށް މައުލޫމާތު ދިން އާއްމުންގެ މީހަކު ބުނީ މީގެ ކުރިން ވެސް އެސަރަހައްދުން މިނިކަށި ފެނިފައިވާ ކަމަށެވެ. "މޫސުމަށް އަންނަ ބަދަލުގެ ސަަބަބުން އެސަރަހައްދުން ގިރާ ދުވަސްވަރު މީގެ ކުރިން ވެސް މިގޮތައް ކަށިތައް ފެނިފައިވޭ." އޭނާ ބުންޏެވެ.

މިނިކަށިތައް ފެނުނު ސަރަހައްދުން ހިރިގަލުގެ ބައެއް ބައިތަށްވެސް ފެނިފައިވެއެވެ. ކަށިތައް ހުރި ގޮތައް ބަލާއިރު އެސަރަހައްދުގައި ވަޅުލާފައިވަނީ މުސްލިމުންގެ ހަށިތަކެއް ކަމުގައިގައި ގަބޫލުކުރެވޭ ކަމަށް ކައުންސިލްގެ ރައީސް ހުޝާމް ވިދާޅުވިއެވެ.

ރާއްޖޭގެ ބައެއް ރަށްރަށުން މިގޮތައް މިނިކަށިތައް ފެނެއެވެ. ގިނަ ފަހަރަށް މިގޮތައް މިނިކަށިތައް ފެންނަނީ ކުރިން މީހުން ވަޅުލާފައި ހުންނަ ގަބުރުސްތާނު ތަކުންނެވެ.