މ. ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑު ހިލައިގެ ދެ ވަނަ ޝިޕްމެންޓު އެ ރަށަށް ގެންގޮސްފިއެވެ.

އެމްޓީސީސީން ވިދާޅުވީ، ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ދެ ވަނަ ޝިޕްމެންޓު މިހާރު އެ މަޝްރޫއު ކުރިއަށްދާ ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

އެމްޓީސީސީން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ދިއްގަރު ބިންހިއްކުމުގެ މަޝްރޫއާއެކުއެވެ. ޕްލޭނިން މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 121 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން 24 ހެކްޓަރުގެ ބިން ހިއްކައި ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި ބޭރު ތޮށިލުމުގެ މަސައްކަތް ހިމެނެއެވެ.

އެމްޓީސީސީއަކީ އެއް ވަގުތެއްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެންމެ ގިނަ މަޝްރޫއު ހިންގަމުން އަންނަ ކުންފުންޏެވެ. އެމްޓީސީސީ އިން ވިދާޅުވި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ކޮވިޑް-19 ގެ މި ހާލަތުގައި ވެސް ކަނޑައަޅާފައި އޮންނަ މުއްދަތަށް މަޝްރޫއުތައް ނިންމުމެވެ.

އެގޮތުން އެމްޓީސީސީގެ 40 އަހަރުވީ ދިގު ތާރީހުގައި އެންމެ ގިނަ މަޝްރޫއުތައް ނިންމީ މިދިޔަ އަހަރެވެ. މި ހިނގާ އަހަރުގައި ވެސް ގިނަ އަދަދެއްގެ މަޝްރޫއުތަކެއް ނިންމުމަކީ އެމްޓީސީސީގެ އަމާޒެކެވެ.