ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދީ، ކާފިއު މާދަމާ އިން ފެށިގެން އުވާލުމާއި އެކު ކެފޭ / ރެސްޓޯރަންޓް ހުޅުވައިގެން ހިދުމަތް ދެވޭ ގަޑި އިތުރު ކުރަން ސަރުކާރުން ނިންމައިފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މާދަމާއިން ފެށިގެން ރެސްޓޯރެންޓުތަކާއި ކެފޭތައް ރޭގަނޑު 11:30 ވަންދެން ހުޅުވައިގެން ކެއުންބުއިމުގެ ހިދުމަތް ދެވޭނެ ކަމަށެވެ. އަދި ޑެލިވަރީގެ ހިދުމަތް މިހާރެކޭ އެއްގޮތަށް 24 ގަޑިއިރު ދެވޭނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

ކެފޭ، ރެސްޓޯރެންޓްތަކުން ހިދުމަތް ދޭއިރު، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިން ތަކާއި އެއްގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށާއި ހިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން އެއް މޭޒެއްގައި ތިބެވޭ މީހުންގެ އަދަދު ހިފަހައްޓަން ޖެހޭ ކަމަށް މަބްރޫކުރު ވިދާޅުވިއެވެ.

“ރެސްޓޯރެންޓުތަކާއި ކެފޭތައް ހުޅުވާލަން ނިންމާފައިވީނަމަވެސް ގައިދުރުކަން ބެހެއްޓުމަށާއި އެޗްޕީއޭގެ ގަވާއިދާ އެއްގޮތަށް އަމަލު ކުރެއްވުމަށް އިލްތިމާސްކުރަން” މަބްރޫކް ވިދާޅުވިއެވެ.

ރެސްޓޯރަންޓުގައި ތިބެގެން ކެއިންބުއިމުގެ ހިދުމަތް ދިނުން ރޭގަނޑު 11:30 އާ ހަމައަަށް ހުޅުވަލާފައިވާއިރު، ފިހާރަތައް ކުރީގެ އާންމު އުސޫލާ އެއްގޮތަށް ހުޅުވާފައި ބެހެއްޓޭނެ އެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މިހާރު ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ދޭ އިތުރު ލުއިތައް މިހާރު އިއުލާންކޮށްފައިވާއިރު، އޭގެ ތެރޭގައި މާލެ ސަރަޙައްދުގައި ހިނގަމުން އައި ކާފިއު ވަގުތު އުވާލުމާއި، ރޭގަނޑު 11:30 ވަންދެން ފިހާރަތައް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ އާއި ކަރަންޓީންވުމަކާ ނުލައި ދެކުނު އޭޝިއާގެ ޤައުމުތަކުން ރިސޯޓްތަކަށް އެތެރެވުމުގެ ހުއްދަ ވަނީ ދީފައެވެ.