ރ. އުނގޫފާރުގެ އަމިއްލަ ޖަމިއްޔާއަކުން އިސްނަގައިގެން އެރަށު ސްކޫލްގެ ގޯތި ތެރޭގައި "ބެލެނިވެރިންގެ ހިޔާ" ގެ ނަމުގައި ޒަމާނީ، ހިތް ގައިމު އަދި އަގުހުރި ބިނާއެް ހަދައިފިއެވެ.

ކްލަބް ޔޫތް ސްޓަރގެ 25 ވަނަ އަހަރީ ދުވަހާއި ގުޅިގެން ހަދާފައިވާ މި ހިޔާ އަކީ ދެ އަހަރު ދުވަހުގެ ބުރަ މަސައްކަތުން މި މަހުގެ ހަތަރު ވަނަ ދުވަހު ހުޅުވާފައިވާ ހިޔާއެކެވެ.

އެ ޖަމިއްޔާގެ ނައިބު ރައީސް މުހައްމަދު އަބްދުލް ޝަކޫރު "ވަގުތު" އަށް ވިދާޅުވީ، އެތަން ހުޅުވުމަށް އަސްލު ތައްޔާރުވަމުން އައީ އުނގޫފާރު ސްކޫލްގެ އަހަރީ ދުވަސް ކަމަށްވާ 25 ޖޫންގައި ކަމަށާއި އެހެން ނަމަވެސް ކޮވިޑް-19ގެ ސަބަބުން ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވުމުން ނުހުޅުވި ލަސްތަކެއް ދިމާވީ ކަމަށެވެ.

އުނގޫފާރުގައި ހަދާފައިވާ "ބެލެނިވެރިންގެ ހިޔާ"

އުނގޫފާރުގައި "ބެލެނިވެރިންގެ ހިޔާ" ހެދުމުގެ ހިޔާލު އައިސްފައިވަނީ ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދި ޓްރެފިކް އިތުރުވުމާއި، ބެލެނިވެރިންނާއި، ދަރިވަރުން އަވީގައި ތިބޭ މަންޒަރަކީ ބަލަން އެހާ ފަސޭހަ މަންޒަރަކަށް ނުވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

މުހައްމަދު ވިދާޅުވީ، އެތަން ފަރުމާ ކޮށްފައި ހުންނާނީ ދަރިވަރުން ހޯދަން އަންނަ ބެލެނިވެރިންނަށް އިށީނދެލައިގެން ތިބެވޭނެ ގޮތަކަށް ހިޔާ ކޮށްފައި ކަމަށާއި އެތަނުގައި ފާހަގަކުރެވޭފަދަ ކާމިޔާބީ ހޯދާ ދަރިވަރުންގެ ފޮޓޯއާއި ނަމާއި 1991 ވަނަ އަހަރުން ފެށީގެން 2021 އަށް އެރަށު ސްކޫލުގެ ޕްރިންސިޕަލްކަން ކުރެއްވި ބޭފުޅުންގެ ފޮޓޯ ވެސް ފެންނަން ހުންނާނެ ކަމަށެވެ.

އުނގޫފާރުގައި ހަދާފައިވާ "ބެލެނިވެރިންގެ ހިޔާ"

"އެފަދަ ގޮތަކަށް އެތަން ފަރުމާ ކޮށްފައިވަނީ ދަރިވަރުންގެ ހިތުގައި އެފަދަ ކާމިޔާބީތަކަށް ޝައުގު އުފެއްދުމަށް" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެ ބިނާގައި އެރަށުގައި ހުރި މުވައްސަސާތަކުގެ ފޮޓޯތަކާއި އެ ތަންތަން އުފެދިގެން އައި ތާރީޚްތަށް ފެންނަން ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެފަދަ އިތުރު ތަންތަން ރަށުގައި ހެދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާކުރަތު އަހްމަދު

    އަމިއްލަ ޖަމާއަތަކުން އިސްނަގައިގެންމިފަދަ ޒަމާނީ ފެންވަރުގައި ތައްޔާރު ކޮށްފައި މިވަނީ ވަރަށް ރަނގަޅު ހަދިޔާއެއް

  2. ޔަންމާ އިއްބެ

    ތިޔަފެންނަނީ ހިއްގައިމު ނަމޫނާއެއް، މިކަމުން ދެންތިބި ޖަމްއިއްތަކަށް އެޖަމިއްޔާތަކުގެ އަސްލު މަޤްސަދު ހަނދާންވާނެކަމަށް އުންމީދުކުރަން.