ނަފުރަތުގެ އަމަލުތަކަކީ ޖިނާއި ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން 24 ގަޑިއިރު ހުއްޓުމެއް ނެތި "އޮންލައިން މުޒާހަރާ" އެއް ކުރިއަށް ގެންގޮސްފިއެވެ.

މިއީ "ކްލަބް ހައުސް" މެދުވެރިކޮށް "ރައްޔިތުންގެ އިއްތިހާދު" އިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި އިއްތިހާދަކީ 32 މަދަނީ ޖަމިއްޔާގެ މައްޗަށް އެކުލަވާލާފައިވާ ޖަމިއްޔާތަކުގެ އިއްތިހާދެކެވެ.

މި އިއްތިހާދުގެ ރައީސް އިބްރާހީމް މުހައްމަދު "ވަގުތު" އަށް ވިދާޅުވީ ކްލަބް ހައުސް އެޕްލިކޭޝަންގައި އެ ހަރަކާތް ކުރިއަށް ގެންދިޔައީ އިއްޔެ ހެނދުނު 10:00 އިން މިއަދު ހެނދުނު 11:00 އަށެވެ.

އަދި ހަރަކާތް ހުއްޓުމަކަށް ނުގެންނާނެ ގޮތަށް ރާވައިގެން، އެ 25 ގަޑިއިރުގެ ވަގުތުގައި އަބަދުވެސް ކޮންމެ ވެސް އެއް ބަޔަކު ވާހަކަ ދެކެވޭ ގޮތަށް ކުރިއަށް ގެންދެވި ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ހަރަކާތް ބޭއްވުމުގެ މަގްސަދެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުގެ ޖަލްސާއަށް ވަރަށް އަވަހަށް އެޖެންޑާ ކުރާނެ ކަމަށް ދެކިގެން، އެކަމާ ގިނަ ބަޔަކު ދެކޮޅު ކަން މަޖިލީހަށް އަންގައިދިނުމަށް ގެންދިޔަ ހަރަކާތެކެވެ.

ސިޔާސީ ދާއިރާގެ އިސް ބައެއް ބޭފުޅުން އެ އެޕްލިކޭޝަން ބޭނުން ކުރައްވައެވެ. އަދި އޭގައި މަޝްވަރާގެ ހަރަކާތް ރާވައި ގިނަ ސިޔާސީ ބޭފުޅުން ވާހަކަ ދައްކަވައެވެ. މަޖިލީހުގެ ގިނަ މެންބަރުން ވެސް އެ އެޕްލިކޭޝަން ބޭނުން ކުރައްވައެވެ.

ރައްޔިތުންގެ އިއްތިހާދުން ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ވެސް މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގަތެވެ. މި ގޮތުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވާހަކަ ދެއްކެވިއެވެ.

"450 ކައުންސިލަރުން ސޮއިކުރައްވާފައިވާ އެކި ކައުންސިލްތަކުން ބަޔާން ނެރެފި، 106 ޖަމިއްޔާއަކުން މި ބިލު ފާސްކުރަން ބޭނުން ނުވާ ކަން އާންމުކޮށްފި، 101 ދީނީ އިލްމުވެރިންގެ ސޮޔާއެކު ރައީސަށް މައްސަލަ ގެންގޮސްފި، ރައްޔިތުން ތިބި ގޮތް ސާފު، އެ ކަން އިތުރަށް ވެސް ސާފުކޮށްދިނުން މި އިވެންޓްގެ ބޭނުމަކީ،" ރައްޔިތުންގެ އިއްތިހާދުގެ ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލުުގައި އިސްލާމް ދީނާ ޚިލާފަށް މީހަކު އުޅޭ ކަމުގެ ތުހުމަތު ކުރުން ނޫނީ ސިފަކުރުން ވެސް ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން އޮތެވެ.

ދީނީ އިލްމުވެރިންނާއި އާންމުންގެ ގިނަ ކަންބޮޑުވުން އޮތީ މި މާއްދާއަށެވެ. އެ މާއްދާ އޮތީ ދީނަށް ފުށު އަރާ ގޮތަށް ކަން އިސްލާމިކް މިނިސްޓްރީން ވެސް ބިލު ދިރާސާ ކުރާ ޖުޑިޝަރީ ކޮމިޓީއަށް ވެސް ލަފާ ދިނެވެ.

މި ބިލާ ދެކޮޅު ކަން ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ ވެސް ވަނީ ހާމަކޮށްފައެވެ.

ފަހުން ޖުޑިޝަރީ ކޮމިޓީން ބިލަށް އިސްލާހު ތަކެއް ވެސް ގެނައެވެ. އޭގެ ތެރޭގައި ދައުލަތުން މުރުތައްދުވެއްޖެ ކަން ސާބިތުވާ މީހަކާ ދިމާއަށް ކަފާރަށް ގޮވުން ކުށަކަށް ނުވާ ގޮތަށް ހެދުމާއި، އަގީދާއާ ގުޅޭ ގޮތުން ނަފުރަތުގެ އުފެއްދުމުގެ މާއްދާ އުނިކޮށް ދީނުގައި ޚިލާފްތަކެއް އުފެދިފައިވާ މައްސަލައެއްގައި މީހަކު ވަކި ރައުޔައަކަށް ތާއީދު ކުރުމުން އިސްލާމީ ޝަހްސިއްޔަތު ކަތިލާ ގޮތަށް ވާހަކަ ދެއްކުމަކީ ކުށަކަށް ހަދަން ހިމަނާފައިވެއެވެ.

މި އިސްލާހުތައް ގެނައީ ވެސް އާންމުންނާއި އިދާރާތަކުން ދިން ޚިޔާލުގެ މައްޗަށް ރިއާޔަތްކޮށްފައި ކަމުގައި އެ ކޮމިޓީގެ މެންބަރުން ވިދާޅުވެއެވެ. އެ ކޮމިޓީއަށް ޚިޔާލު ދިނީ އިސްލާމިކް މިނިސްޓްރީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލްއެވެ. އެއީ ޚިޔާލު ހުށަހަޅަން އެ ކޮމިޓީން އެންގި ތިން އިދާރާއެވެ.

އެކަމަކު އަދިވެސް ގިނަ ބަޔެއްގެ ކަންބޮޑުވުން އެބަ އޮތެވެ. ދިރާސާގެ މަރުހަލާ ފުޅާ ކުރަން ވެސް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. މި ބިލަކީ ރާއްޖޭގައި "ލާދީނިއްޔަތު" ފަތުރަން އެކުލަވާލާ ގާނޫނެއް ކަމުގައި ވަރަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

އެމްޑީޕީގެ ބައެއް މެންބަރުން ވެސް ކޮމިޓީ ރިޕޯޓަށް އިސްލާހުތައް ހުށަހަޅުއްވަން ދަނީ ތައްޔާރުވަމުންނެވެ. ފެންނަ ގޮތުގައި، އެމްޑީޕީގެ މެންބަރުންގެ މެދުގައި ވެސް ޚިޔާލުތަފާތުވުން އެބަ އުޅެއެވެ.

ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާ ގޮތުގައި އެއީ ނަފުރަތުގެ އަމަލުތަކާއި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވަން އެކުލަވާލި ބިލެކެވެ. އެ ބިލަކީ ވަކި ބަޔެއްގެ ޚިޔާލަށް ހުރަސް އަޅަން ހުށަހެޅި ބިލެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވެއެވެ.