ކޮވިޑް-19 އިން ރައްކާތެރިވުމަށް ދެމުން އަންނަ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު ކަރަންޓީނުގައި ތިބި މީހުންނަށް ވެސް ލުއި ލިބޭނެ ކަމަށް ސަރުކާރުން ހާމަ ކޮށްފިއެވެ.

މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، މީގެ ކުރިން ކޮވިޑަށް ފައްސިވެ 60 ދުވަސް ހަމަ ނުވާ މީހުންނަށް ލުއި ދިން ހިސާބުން އެ ޝަރުތު ހަމަވާ މީހުންގެ ތެރެއިން އޭރު ކަރަންޓީނުގައި ތިބި މީހުން ދޫކޮށްލާފައިވާ ކަމަށާއި މި ފަހަރުވެސް އޮތީ ހަމަ އެ އުސޫލުކަމަށެވެ.

އެގޮތުން މަބުރޫކު ވިދާޅުވީ ވެކްސިންގެ ދެ ޑޮޒް ފުރިހަމަކޮށް 14 ދުވަސްވެފައި ތިބި މީހުންގެ ތެރެއިން ކަރަންޓީނުގައި ތިބި ފަރާތްތަކުން އެ ތަނެއްގައި ހުރެ ޕީސީއާރް ޓެސްޓެއް ހަދައި ނައްސި ނަތީޖާއެއް ލިބިއްޖެ ނަމަ އުސޫލުގެ ދަށުން ކަރަންޓީނު ނިންމައިލެވޭނެކަމަށެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މިހާރު ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ދޭ އިތުރު ލުއިތައް މިހާރު އިއުލާންކޮށްފައިވާއިރު، އޭގެ ތެރޭގައި މާލެ ސަރަޙައްދުގައި ހިނގަމުން އައި ކާފިއު ވަގުތު އުވާލުމާއި، ރޭގަނޑު 11:30 ވަންދެން ފިހާރަތައް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ އާއި ކަރަންޓީންވުމަކާ ނުލައި ދެކުނު އޭޝިއާގެ ޤައުމުތަކުން ރިސޯޓްތަކަށް އެތެރެވުމުގެ ހުއްދަ ވަނީ ދީފައެވެ.