މިއަދު ރާއްޖެ އިން އިތުރު 139 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން ކޮވިޑަށް ފައްސިވީ 26 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 81 މީހުން ފައްސިވިއެވެ. އޭގެ އިތުުރުން ރިސޯޓްތަކުން އަށް މީހުން، ސަފާރީއަކުން ދެމީހުން އަދި އިންޑަސްޓްރިއަލް ރަށްތަކުން 22 މީހުން މިއަދު ފައްސިވިއެވެ.

މިއަދު 4745 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. މިއަދު ކޮވިޑަށް ފައްސިވީ ޓެސްޓް ކުރި މީހުންގެ %2.93 މީހުންނެވެ. މިއަދަކީ ފާއިތުވި އެއްހަފްތާ ދުވަހުގެ ތެރޭގައި ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ފައްސިވި މީހުންގެ ނިސްބަތް އެންމެ މައްޗަށް ދިޔަ ދުވަހެވެ.

ރާއްޖޭގައި މިހާރު ތިބި ކޮވިޑް ބަލި މީހުންގެ އަދަދު މިއަދު ވަނީ 2932 އަށް މަދުވެފައެވެ. މިއަދަކީ އޭޕްރީލް މަހުގެ 22 ވަނަ ދުވަހަށް ފަހު ރާއްޖޭގައި އެކްޓިވް ކޭސްގެ އަދަދު އެންމެ ދަށަށް ދިޔަ ދުވަހެވެ.

ކޮވިޑް ޖެހިފައި ތިބި މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 22 މީހުންނަށެވެ.

ކޮވިޑް-19 އަށް މާލެ އިން ފައްސިވާ މީހުންގެ އަދަދު އަންނަނީ މިހާރު މަދުވަމުންނެވެ. މިއަދަކީ މާލެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު 100 އަށްވުރެ ދަށުގައި ހުންނަތާ 22 ވަނަ ދުވަހެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވާން ފެށުމުން މާދަމާ އިން ފެށިގެން ގިނަ ލުއިތަކެއް ލިބިގެން ދާނެއެވެ. އޭގެތެރޭގައި ކޮވިޑުން ދިފާއުވުމަށް ވެކްސިން ފުރިހަމަކޮށް 14 ދުވަސް ވެފައިވާނަމަ މޮނިޓަރިންގައި ނެތް ރަށްތަކަށް ކަރަންޓީން ވުމެއް ނެތި ދަތުރު ކުރުމުގެ ފުރުސަތު ލިބުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު